ދިވެހި ފުލުހުންގެ އޮޕަރޭޝަންތަކަށް އިރުޝާދު ދިނުމަކީ ރައީސްގެ އިމްތިޔާޒުން ބޭރުގައި އޮންނަ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަމީދު އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕީއެންއެފްގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުމުން އެސްއޯ ފުލުހުން ގޮސް ޖަލްސާގެ ބައިވެރިންނަށް ހުރަސް އެޅި ފަހުންނެވެ.
ޕީއެންއެފުން ވަނީ އެ ޖަލްސާއަށް ހުރަސްއެޅީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ކަމަށް ތުހުމަތުކޮށްފައެވެ.
ހަމީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތައް މިނިވަންކަމާއެކު ކުރިއަށް ގެންދިޔުމަށް ޓަކައި، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނުފޫޒުން އޮޕަރޭޝަންތައް ދުރުކުރުމަކީ ވަރަށް ބޮޑަށް ބާރުއަޅާފައި އޮންނަ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ މަސައްކަތްތަކުގެ ޒިންމާ އުފުއްލަވާނީ ޕޮލިސް ކޮމިޝަނަރު ކަމަށެވެ. އަދި ފުލުހުން ތަންތަނަށް ފޮނުވުން ފަދަ، އޮޕަރޭޝަނާ ގުޅުން ހުރި ނިންމުންތައް ނިންމާނީ އެތެރޭގެ ކޮމާންޑާއި ކޮންޓްރޯލް ސްޓްރަކްޗާގެ އިތުރުން ސިޔާސަތުތަކާއި ކުރިން އަމަލުކޮށްފައިވާ ގޮތްތަކާއި ގާނޫނު އަދާސީ އާއި ފުލުހުންގެ ގާނޫނު ފަދަ ގާނޫނުތަކުގެ ދަށުން ކަމަށް ހަމީދު ވިދާޅުވިއެވެ.
ފުލުހުން ބުނި ގޮތުގައި ޕީއެންއެފް ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން ހުރަސްއެޅީ، އެ ޕާޓީއަށް ޖަލްސާ ބާއްވަން ދީފައި އޮތް ހުއްދަ ސްކޫލުން ބާތިލުކޮށްފައިވާތީއެވެ.
ޕީއެންއެފްގެ މެންބަރުންނަށް އެސްއޯ ފުލުހުން ގޮސް ހުރަސްއެޅުމުން ފުލުހުންނާއި އެމީހުންނާ ދެމެދު ހަމަނުޖެހުން ވެސް ހިނގިއެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ރައީސް ވަނީ ނުރުހުން ފާޅުކުރައްވައި، ރޭގެ ޖަލްސާގެ ކަންކަން ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކަން ކޮށްފައިވަނީ އެމަނިކުފާން ބޭނުންފުޅުވެލައްވާ ގޮތަށް ނޫން ކަމަށް ވިދާޅުވެފައެވެ.
ޕީއެންއެފްއިން ޣިޔާސުއްދީންގައި ޖަލްސާ ބާއްވަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެންމެ ފަހުން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައެވެ. އެ ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ވަނީ ކަނޑައަޅައިފައެވެ. އަދި ޕާޓީގެ ލޯގޯއާއި ކުލައިގެ އިތުރުން ވަގުތީ ސެނެޓެއް ވެސް ވަނީ އުފައްދާފައެވެ. ޖަލްސާ ނިމުނު ފަހުން ޔާމީން ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ.