ފުލުސް އިންޓެލިޖެންސްގެ ނަމަށް އަމިއްލައަށް "ނެޝަނަލް" އިތުރުކުރުމުން ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސްގެ ނަން އެ މުއައްސަސާއިން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަމިއްލައަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ، ގާނޫނީ ބިންގަލެއް ނެތް، އޮޅުންބޮޅުން ބޮޑު ނިންމުމެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މީޑިއަމްގައި ޝާއިޢުކުރެއްވި ބްލޮގް ޕޯސްޓެއްގައި ހަމީދު ވަނީ، ފުލުހުންގެ އިންޓެލިޖެންސްގެ ނަމަށް އަމިއްލައަށް "ނެޝަނަލް" ނުވަތަ "ގައުމީ" މި ބަސް އިތުރުކުރުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެފައެވެ.

ހަމީދު ވިދާޅުވި ގޮތުގައި، ފުލުހުންގެ ތެރޭގައި ވަރުގަދަ އިންޓެލިޖެންސް ނިޒާމެއް އޮތުމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، އެ ނިޒާމަށް "ގައުމީ" ނަން ދިނުމަކީ ބޮޑު ތަފާތެއް އޮތް ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސަލާމަތީ ދާއިރާގައި ބޭނުންކުރާ ނަންތަކަކީ އޭގައި ބާރާއި، މަސްއޫލިއްޔަތާއި، އިޚްތިސާސާއި، ޒިންމާތަކެއް އެކުލެވިގެންވާ ނަންތަކެއް. ފުލުހުންގެ އިންޓެލިޖެންސްގެ ނަމަކީ 'ނޭޝަނަލް އިންޓެލިޖެންސް ސާވިސް' ކަމަށް ކަނޑައެޅުމުން، މިއީ މުޅި ގައުމުގެ އިންޓެލިޖެންސްގެ އެންމެ އިސް މުއައްސަސާއަކީ ފުލުހުން ކަމަށް ދޭހަވުމުގެ ފުރުސަތު އެބައޮތް،" ހަމީދު ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ގައުމީ ފެންވަރުގެ އިންޓެލިޖެންސް މުއައްސަސާއެއް އުފައްދައި، އޭގެ މަސްއޫލިއްޔަތުތަކާއި އިންތައް ބަޔާންކުރާ ގައުމީ އިންޓެލިޖެންސްގެ ގާނޫނެއް މިވަގުތަކު ނެތެވެ.

އެހެންކަމުން، ގާނޫނީ ބިންގަލެއް ނެތި މިފަދަ ނަމެއް ބޭނުންކުރުމަކީ ބޭރުގެ ފަރާތްތަކުގެ މެދުގައި ވެސް ނުބައި ތަސައްވުރެއް އުފެދިދާނެ ކަމެކެވެ.

"ގައުމީ އިންޓެލިޖެންސް ޚިދުމަތެއް އުފެއްދުމަކީ ފުލުހުންގެ އެތެރޭގެ އޮނިގަނޑަށް ގެންނަ ބަދަލަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ގާނޫނާއި، ސިޔާސަތާއި، ފުޅާ ދާއިރާއެއްގައި ކުރެވޭ މަޝްވަރާގެ މަތިން ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ސަލާމަތީ އޮނިގަނޑު އޮތްގޮތުން، ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ އިދާރާތަކުން ވެސް އިންޓެލިޖެންސްގެ މުހިންމު ޒިންމާތަކެއް އުފުލައެވެ. ހަމީދު ވިދާޅުވީ މިވަގުތު އެންމެ ބޭނުންވަނީ އެއް މުއައްސަސާއަކުން ހުރިހާ ބާރެއް ހޯދުމުގެ ބަދަލުގައި، ހުރިހާ އިދާރާތަކެއް ވިލަރެސްކުރާނެ ހަރުދަނާ ގައުމީ އޮނިގަނޑެއް ކަމަށެވެ.

https://sun.mv/222749

މި މަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކުރުން ހިމެނެއެވެ.

ފުލުހުން ބުނީ އެ ބަދަލުތައް ގެނައީ އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް ކަމަށެވެ.

comment ކޮމެންޓް