ތެލުލި ބަނބުކެޔޮ މީރީ ރިހާކުރާ އެކީތަ؟ ނޫނީ ސަޔާ އެކުތަ؟

ހޫނު ކަޅު ސަޔާއެކު ތެލުލި ބަނބުކެޔޮ ކެއުމަކީ ދިވެހީންގެ ގިނަ ބަޔަކު ލޯބިކުރާ ކެއުމެއް-- ފޮޓޯ/ ބެޓަބަޓާ

ބަނބުކޭލުން އުފައްދާފައިވާ ބާވަތްތަކަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ މަގުބޫލުކަން ހޯދާފައިވާ ސަޤާފީ ކެއުންތަކުގެ އެންމެ ކުރީގައި ހިމެނޭ ބާވަތްތަކެކެވެ. ބާޒާރުގައި ވެސް ބޮޑު ޑިމާންޑެއް އޮންނަ ތެލުލި ބަނބުކޭލަކީ ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ ސައި ގަޑީގެ އެންމެ ގާތް އެކުވެރިޔާއެވެ.

ބައެއް ގޭގޭގެ ސައިގަޑީގައި ތެލުލި ބަނބުކެޔޮ ސުފުރާމަތިން ލިބެން ހުންނައިރު މިއީ 'ސްނެކް'އެއް ގޮތަށް ވެސް ކާލަން ގިނަ ބަޔަކަށް ކަމުދާ އަނގަޔަށް މީރު ބާވަތެކެވެ. ދެން އުފެދޭ ސުވާލަކީ ތެލުލި ބަނބުކޭލާއި ރިހާކުރާ އޮތް ގުޅުމުގެ ވާހަކައެވެ.

ތެލުލި ބަނބުކެޔޮ ފޮތިތައް ތެލުލި ނުވަތަ ކުޅި ރިހާކުރާ ޖައްސައިގެން ކެއުމަކީ އާދަޔާ ޚިލާފު ތަޖުރިބާއެކެވެ. އެއީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ޚާއްސަކޮށް ދެކުނުގެ ބައެއް އަތޮޅުތަކުން މީގެ ކުރިން އެ މަންޒަރު ފެނިފައިނުވާތީ ކަމަށް ވެސް ވެދާނެއެވެ.

ތެލުލަން ތައްޔާރު ކުރުމަށް ބެހެއްޓިފައިވާ ބަނބުކެޔޮތަކެއް--ފޮޓޯ/އީޓާ.ކޮމް

ގިނަ ބަޔަކު ކިޔާ ގޮތުންނަމަ ތެލުލި ކެޔޮ އެއް ބަޔަކަށް ހޫނު ސައިތަށްޓަކާ އެކު މީރުވާއިރު ސައި ގަޑީގައި ދެ ގޮތަށް ވެސް މި ކެވިދާނެއެވެ.

"ރިހާކުރަކީ އެހާ މީރު އެއްޗެއް. ދެން ހަމަ އެއާ އެއްވަރަށް ތެލުލި ބަނބުކެޔޮ އެއީ އެއްވަނައިގެ ހަފާލަން މީރު އެއްޗެއް. އެހެންވެ، ކާ ގަޑީގައި ސަޔާ ވެސް ކަން. އެކަމަކު، އާއްމުކޮށް ރިހާކުރާ ބަނބުކޭލާ ޖައްސައިގެން ކަނީ ފިލްމެއް ބަލާ ވަގުތު ނުވަތަ ރައްޓެހިންނާ އެކު ވަގުތު ހޭދަކުރާއިރު ސްނެކެއް ގޮތަށް،" މިއީ ބަނބުކެޔޮ ކެއުމަށް ފޯރި ހުންނަ ޒުވާނެއްގެ ހިޔާލެވެ.

ރިހާކުރަކީ ބައެއް ފަހަރު ބާޒާރުން ފަސޭހައިން ލިބެން ހުންނަ ބާވަތަކަށް ނުވުމާ އެކު ބަނބުކެޔޮ ލިބޭ ދުވަސްވަރެއްގައި އެންމެ ގިނައިން ކެވެނީ ސަޔާ އެކު ކަމަށް އެއް ބަޔަކު ބުނެއެވެ.

ދިވެހީންގެ ކެއުމުގެ އެންމެ މުހިންމު އެއް ބާވަތް ކަމަށްވާ ރިހާކުރަކީ 'ޑިޕް'އެއްގެ ގޮތުގައި ލުއިކާނާއާ އެކު ވެސް ބޭނުންކުރާ ބާވަތެއްކަމުން ބަނބުކެޔޮ އެ ލިސްޓުގައި ނުހިމެނެންވީ ސަބަބެއް ނެތެވެ.

އެކި މީހުންނާ ކަމުދާނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ތެލުލިބަނބުކެޔޮ މީރީ ރިހާކުރާ އެކުއެވެ. އަނެއް ބަޔަކަށް ސަޔާ އެކީއެވެ. ނޫނީ ތެލުލި ބަނބުކޭލާއި ރިހާކުރާ އެކު ވެސް ސައި ބޮއިދާނެއެވެ. އެއީ ވެސް ގޮތެކެވެ.

comment ކޮމެންޓް