އީދު ސައި: ކުޅި ބޯކިބާ ނެތިއްޔާ ފުރިހަމަ ވާނެތަ؟

ކުޅި ބޯކިބާ: ދިވެހީންގެ ގިނަ ބަޔަކަށް އީދު ސަޔަށް އެންމެ މީރު އެއް ބާވަތް--ފޮޓޯ/ލޮނުމެދު.ކޮމް

ރަމަޟާން މަސް ނިމުމަށްފަހު މުސްލިމުންނާ ބައްދަލުކުރާ ފިޠުރު ޢީދު ދުވަހަކީ އާއިލާގެ އިތުރުން ރަހްމަތްތެރިންނާއި އަވަށްޓެރިން އެއް މޭޒެއްގެ ދޮށުގައި އެއްވެތިބެ ހެނދުނުގެ ނާސްތާއަށް އިންސާފުކުރާ ދުވަހަކެވެ. ޢީދު ނަމާދު ނިންމާލުމަށްފަހު ދިވެހީންގެ އާދަކާދަ އޮންނަ ގޮތުން އެކި ގޭގެއިން ސައިބޯން ދަޢުވަތު ލިބެއެވެ. މިއީ ގުޅުންތައް ބަދަހިކޮށް ޢީދު ސަލާމްކޮށް ޢީދުގެ އުފާ ލިބިގަންނަ އެންމެ މުހިއްމު ވަގުތުކޮޅުވެސް މެއެވެ.

އީދު ސަޔަށް އެކި ގޭގޭގައި ތަފާތު ވައްތަރުގެ ކާ އެއްޗެތި ތައްޔާރު ކުރާއިރު ޢީދު ސައި އެއާ ނުލާ ފުރިހަމަ ނުވާނެ އެއް ބާވަތަކީ ކުޅި ބޯކިބަލެވެ. ކުޅި ބޯކިބާ ނުކެވޭނަމަ ޢީދު ސައި ބޮވުނުހެން ހީނުވާ ކަމަށް ބައެއް މީހުން ބުނާ ބުނުމަކީ ޒަމާނުއްސުރެ އީދު ސަޔާ ބޯކިބަލާ ދެމެދު އޮތް ބަދަހި ގުޅުން ދައްކުވައިދޭ ކަމުގެ ހެއްކެކެވެ.

ފޮޓޯ/ސާރާސްހޯމްމޭޑްކްލެސިކްސް
"ރޯދަ މަސް ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ޢީދު ސަޔަށް ބޯކިބާ އަޅަން އޯޑަރުތައް ލިބެން ފަށައިފި. މިހާ ތަނަށް 25 ވަރަށް އޯޑަރު ވަނީ ލިބިފައި،" މާލޭގައި ވިޔަފާރިއަށް ކުޅި ބޯކިބާ ތައްޔާރުކުރާ މީހަކު ބުންޏެވެ.

ޢީދު ސަޔަށް ބޯކިބާ ތައްޔާރުކުރުން ޢީދުގެ އެއް ދުވަސް ކުރިން ފެށޭއިރު އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ޢަމަލުކުރާ ގޮތަކީ މިއީއެވެ. އައްޑޫ، ހުވަދޫ ހިސާބު ބައެއް ރަޙްމަތްތެރިން ބުނެފައިވާ ގޮތުގައި ޢީދު ވިލޭރޭ ބޯކިބާ ފިހުމުން، ބަދިގެއިން އެ ގެއްލޭ ދުވަސް ވެސް އާދެއެވެ. އެހެންވެ ބޯކިބާ ފިހެލުމަށްފަހު ރައްކާތެރިކަމާ އެކު ބޯކިބާ ބޭއްވުމަކީ ގޭގެ އަންހެންވެރިން ވަރަށް ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށްވެސް މި ރަހްމަތްތެރިން ވަނީ ބުނެފައެވެ.

ޢީދު ނަމާދަށް ފަހު ގިނަ ބަޔަކު ހެނދުނުގެ ނާސްތާ ކުރުމުގައި ބައިވެރިވަނީ--ފޮޓޯ/އެޑިޝަން.އެމްވީ

ކޮންމެ އަކަސް އީދު ދުވަހު ހެނދުނުގެ ސަޔަށް ކުޅި ބޯކިބާ ތައްޔާރު ކުރުމަކީ މިއަދާ ހަމައަށް ވެސް ބަދަލުނުވެ އޮތް ސަޤާފަތެކެވެ. ޢީދު ދުވަހުގެ މުހިއްމު މި ރަހަ ސުފުރާމަތިން ލިބޭއިރު ގިނަ ބަޔަކު މިކަން ކުރަނީ ދިވެހިވަންތަ މި ސަޤާފަތް ދިރުވުމުގެ ގޮތުންނެވެ.

މި ޒަމާނުގައި ކުޅި ބޯކިބާ އަވަނުން ނުވަތަ ތަވައިން އުނދުނގައި ފިހަމުން އައި ނަމަވެސް ކުރީ ޒަމާނުގައި ބޯކިބާ ފިހަނީ ދަރު އުނދުނުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ތެއްޔެއްގައެވެ. ދަރު އުނދުނުން ފިހެފައި ހުންނަ ބޯކިބާގެ ރަހަ އެތައް ގުނައަކަށް މީރު ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް