ކަމަދޫގެ އީދު ހަރަކާތްތަކަށް ނުކުރާ ތައުރީފެއް ނެތް، އެންމެންގެ ސަމާލުކަން އެ ރަށަށް!

ކަމަދޫގެ މެހެމާންދާރީއާ ޖިންސުއްލަތީފުންގެ ދަފި ނެގުމުގެ ހަރަކާތައް ގިނަ ބައެއްގެ ތައުރީފު--ފޮޓޯ: ނެނީ ފާތިޙް

އަޟްހާ އީދުގެ ހަރަކާތްތަކުގެ ތެރެއިން ބ. ކަމަދޫއަށް ބޮޑު ސަމާލުކަމެއް ލިބި މުޅި ސޯޝަލް މީޑިއާގައާއި، އާންމުންގެ ތެރޭގައި އެ ރަށަށް ބޮޑު މަގުބޫލުކަމެއް ލިބިއްޖެއެވެ.

އެ ރަށަކީ ފެށުނީއްސުރެ އީދުގައި ސަގާފީ ކުޅިވަރުތަކާއެކު ކުލަގަދަ އީދެއް ފާހަގަކުރާ ރަށެއްކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ. އެގޮތުން އެންމެ ބޮޑު ސަމާލުކަމަކާއި ތައުރީފެއް ލިބުނީ މި ފަހަރު ކަމަދޫގައި އެންމެ ފޯރިއާއެކު ކުރިއަށް ގެންދިޔަ ޒުވާން ފިރިހެނުންނާއި އަންހެނުންގެ ދަފި ނެގުމުގެ ހަރަކާތަށެވެ.

ހަމައެއާއެކު އެ ރަށަށް އީދު ހަރަކާތްތައް ބަލަން ޒިޔާރަތްކުރި މީހުނަށް އަދާކުރި މެހެމާންދާރީއާ ގުޅިގެން ވެސް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.

ކަމަދޫގެ އަޟްހާ އީދުގެ ހަރަކާތްތަކުގެ ތެރެއިން---ފޮޓޯ: ނެނީ ފާތިޙް

އިތުރު މައުލޫމާތު "ސަން"އަށް ދެއްވަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ކާބަފައިންގެ ޒަމާނުއްސުރެ އެ ރަށުގައި ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުން އީދު ކުޅިވަރުތައް ކުރިއަށްގެންދާ ކަމަށެވެ.

ކައުންސިލުން ބުނީ މި ފަހަރުގެ ހުރިހާ ކުޅިވަރުތައް ވެސް ގެންދިޔައީ ގިނަ މެހެމާނުންނަށް ބައިވެރިވެވޭގޮތަށް ކަމަށެވެ.

މިގޮތުން، ހައްޖު ދުވަހުގެ ރޭ ކަމަދުއަށް އަރައި ތިބި ހުރިހާ މެހެމާނުންނަށް މަރުހަބާ ކިޔުމަށް އެ ރަށުގެ ރައްޔިތުން ބައިވެރިވެ، އެރޭ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

ހައްޖު ދުވަހުގެ ރޭ ކަމަދޫގައި އީދު ކުޅިވަރުތައް ފަށާފައިވާއިރު އީދު ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ހަވާ ވެސް އެރުވިއެވެ.

އަދި މީގެ އިތުރުން އީދު ދުވަހު ޖަމާއަތުގައި އީދު ނަމާދުކޮށް، އީދު ސައި ބުއިމަށްފަހު އީދުގެ ކުޅިވަރުތައް ވަނީ ރަސްމީކޮށް ފަށާފައެވެ.

ކަމަދޫގެ އަޟްހާ އީދުގެ ހަރަކާތްތަކުގެ ތެރެއިން---ފޮޓޯ: ނެނީ ފާތިޙް

އީދު ދުވަހު ޒުވާނުންނާއި ރަށުގެ އަންހެނުންގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު އިއްޔެ ކުޑަކުދިންގެ މާފައްޗާއި، މާލީގެ ހަރަކާތްތަކާއި ކޯޑީގެ ހަރަކާތްތަކާއި އަދި ބޮޑުމަހުގެ ހަަރަކާތްތައް ވެސް ކުރިއަށް ގެންދިޔައެވެ.

އެގޮތުން މާދަމާ އަކީ އީދުގެ މުނާސަބާގެ އެންމެ ފަހު ދުވަސްކަމަށްވާއިރު، މާދަމާ އޮތީ ކޯޑީގެ ހަރަކާތްތަކުގެ ތެރެއިން، ކޯޑި ކަނޑާ މީހާއަށް އަދަބު ދިނުމެވެ. އެރަށު ކައުންސިލުން ބުނީ މިއީ އެރަށުގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

comment ކޮމެންޓް