ރަމަޟާން މަހު، ދީނީ އަޅުކަންތަކަށް ސަމާލުކަން ދިން ފަދައިން އަހަރުގެ ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ދީނީ އަޅުކަންތައް ބަރާބަރަށް އަދައިކުރުމަށް ސަމާލުކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިރޭ އިލްތިމާސްކުރައްވައިފިއެވެ.
ފިތުރު ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވައި ނެރުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ މި މުނާސަބާއަކީ އުފާ ފާޅުކުރުމާއި އޯގާތެރިކަމާއި ދީލަތިކަން އިސްކުރުމުގެ މުނާސަބާ ކަމަށާއި ޚާއްސަކޮށް ރަމަޟާން މަހުގެ އަޅުކަމުގައި ހޭދަކުރި ވަގުތުތަކުގެ ހަނދާންތައް އާކޮށް އަޅުކަމުގެ މަތީގައި ދެމިތިބުމަށް ހިތްވަރުދޭ މުނާސަބާއެއް ކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރުގެ ކުރިއަށް ހުރި އެހެން މަސް މަހުގައި ވެސް ދީނީ އަޅުކަންތައް ފުރިހަމައަށް އަދައިކުރުމަށް ސަމާލުކަން ދިނުމަށާއި އެ ކަމުގައި ދެމިތިބުމަށް އަޒުމް ކަނޑައަޅަން ސިޔާމް ގޮވައިލެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފިތުރު ޢީދަކީ މާތްﷲ އަށް ޙަމްދާއި ޘަނާ ކިޔުމާއި، ތަކްބީރު ކިޔުންމަތީ ދެމިތިބުމުގެ ޢީދެއް ކަމަށެވެ. އަދި ޝުކުރު ފާޅުކުރުމުގެ ވެސް ޢީދެއް ކަމަށާއި މި ޢީދުން އަންގައިދެނީ ހުރިހާ އިންސާނުންނަކީ ވެސް އެއް ޢާއިލާއެއްގެ މެމްބަރުންތަކެއް ކަމަށެވެ.
އެހެންކަމުން ޢީދުގެ އުފަލުގައި މުޖުތަމައުގެ ހުރިހާ އެންމެން ބައިވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމަށް ސިޔާމް އިލްތިމާސްކުރެއްވިއެވެ.
އެއާއެކު އެ މަނިކުފާނުވަނީ މި އަހަރުގެ ޢީދު ދުވަސް ބައްދަލުކުރިއިރު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުން އަންނަ ނަސްލު ނައްތައިލުމުގެ ރަހުމް ކުޑަ ހަނގުރާމައިގެ ބިރުވެރިކަމުގެ ހަނދާން ވެސް އާކުރައްވައިފައެވެ.
މި އަހަރުގެ ފިތުރު ޢީދު މުޅި ރާއްޖޭގައި ވެސް އަންނަނީ ވަަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން ވެރިރަށް މާލެއާއި އަތޮޅު ތެރޭގެ ބޮޑެތި ރަށްތަކާއި ސިޓީތައް ވަނީ ކުލަބޮކިން ދިއްލައިލައިފައެވެ.