ރާއްޖޭގައި ފިތުރު ޒަކާތް ފައިސާއިން ބަހަން ފެށުމުގެ އިތުރުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީގެ ގޮތުގައި މޯލްޑިވްސް ޒަކާތު ފަންޑުން އެއް ލައްކަ ޑޮލަރު ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެެއްޖެއެވެ.
މިނިސްޓަރު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެނީ ޤަތަރުގެ ރެޑް ކުރޮސެންޓް މެދެވެރިކޮށް ކަމަށެވެ.
މި ގޮތުން ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާގައި ފަލަސްތީނު ރައްޔިތުންނަށް ފޮނުވުމަށް ނިންމާފައިވަނީ އެއް ލައްކަ ޑޮލަރު ކަމަށާއި އެ ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް. މިއީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް." މިނިސްޓަރު ޝަހީމްގެ މެސެޖުގައިވެއެވެ.
އެއާއެކު، މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ބޭރު ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ޒަކާތު ފަންޑުން ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
މީގެ އިތުރުން، މާލޭގެ ފަގީރުންގެ ދަފްތަރުގައި ތިބި ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 8000 ރުފިޔާ ބަހަން ފަށާއިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ތާރީޚީ ގޮތުން ރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗަކުން އެރަށެއްގެ ފަގީރުންނަށް ކަމަށާއި އެރަށެއްގައި ފަގީރުން ނެތް ނަމަ ފިތުރު ޒަކާތް ބަހަނީ އެންމެ ކައިރީގައި އޮތް ރަށަކަށް ކަމަށެވެ.
މި ގޮތުން މި އަހަރު ފިތުރު ޒަކާތް ދެއްކި މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"މާލޭގައި ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8000 ރުފިޔާގެ ރޭޓުން ފިޠުރު ޒަކާތް ވަނީ ބަހަން ފަށާފަ. ފައިސާ ޖަމާވާނީ ސީދާ އެ މީހެއްގެ އެކައުންޓަށް." މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން ކުރިމަތިވެފައިވާ މީހުންގެ ޢާއިލާތަކަށާއި ކުޑަކުދިންގެ ހިޔާއާއި ޚާއްސަ އެހީއަށް ބޭނުންވެފައިވާ މަރުކަޒުގައި ތިބި މީހުންނަށް ވެސް ފިތުރު ޒަކާތް ލިބޭނެ ކަމަށެވެ.