ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތައާރަފް ކުރާ އިލެކްޓްރޯނިކް ޕެޓިޝަން (އީ ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.
އީ ޕެޓިޝަން ކަރުދާހަކީ، ޑިމަކްރެޓިކް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުވާ، ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީ ކުރުވުމަށް މަޖިލިސް އަދި ޔޫއެންޑީޕީ ގުޅިގެން، މަޖިލީހުގައި މިހާރު އަމަލުކުރެވެމުންދާ ޕެޓިޝަން ނިޒާމު ހަރުދަނާކޮށް އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމްކުރުމަށް ރާވާ ގޮތާ ބެހޭ ކަރުދާހެކެވެ.
އެހެންކަމުން މި ކަރުދާހަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ މި މަހުގެ 29ވަނަ ދުވަހުގެ 12:00ގެ ކުރިން ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ ލިންކެއް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި ކަރުދާހުގައި ހިމެނޭ މުހިންމު ކަންކަމާ ގުޅޭ ތަފްސީލުތައް ދިނުމަށް ޓަކައި މަޖިލީހުން ވަނީ މައުލޫމާތު ބައްދަލުވުންތަކެއް ބާއްވަން ނިންމައިފައެވެ. އެގޮތުން މި ބައްދަލުވުން އޮންނާނީ:
- 24ވަނަ ދުވަހު 10:00ގައި: ކަމާބެހޭ ވުޒާރާތައް، ސިޔާސީ ޕާޓީތައް، ޔުނިވާސިޓީތައް އަދި މަދަނީ ޖަމާއަތްތަކަށް
- 25 ވަނަ ދުވަހު 16:00ގައި: އާންމު ރައްޔިތުންނަށް
އީ ޕެޓިޝަންގެ ނިޒާމަކީ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ މަރުހަލާގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކުރާ ނިޒާމެކެވެ. އަދި ވަކި އުމުރުފުރާއެއް ނެތި، އައިޑީއެއް ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ވަސީލަތެއް ބޭނުންކޮށްގެން ވަދެވޭނެ ނިޒާމެކެވެ.