ދައުލަތުން މައުލޫމާތު ހޯދުމުގެ ފުރުސަތު ފުޅާކުރުން ހިމެނޭ އައިކޮމްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ނެރެފި

އާރުޓީއައި ސިމްޕޯޒިއަމްގައި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވާހަކަދައްކަވަނީ --- ފޮޓޯ/ ޔޫއެންޑީޕީ މޯލްޑިވްސް

ދައުލަތުން މައުލޫމާތު ހޯދުމުގެ ފުރުސަތު ފުޅާކުރުން ހިމެނޭ އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް)ގެ ސްޓްރެޖިކް އެކްޝަން ޕްލޭން އިއްޔެ އިފުތިތާހުކޮށްފިއެވެ.

މި އަހަރުގެ އާރްޓިއައި ސިމްޕޯޒިއަމްގައި އިފްތިތާހުކުރި މި ޕްލޭނުގެ މަގުސަދަކީ، ރާއްޖޭގައި ޓްރާންސްޕޭރަންސީގެ މިންވަރު އިތުރުކުރުމާއި ދައުލަތުން މައުލޫމާތު ހޯދައި، ލިބިގަތުމުގެ ފުރުސަތު ފުޅާކުރުމާއި އައިކޮމް އިތުރަށް ހަރުދަނާ ކުރުމެވެ.

ދެހާސް ތިރީސް އެކަކާ ހަމައަށް އެކުވަލައިލި މި ޕްލޭންގެ ތެރެއިން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އާރްޓީއައި ގާނޫނު މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތްކުރާނެއެވެ.

މި ޕްލޭން އެކުލަވައިލާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ 'އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް' (އޭއައިއެމް) ޕްރޮޖެކްޓުގެ އެއްބާރުލުމާ އެކީގައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އައިކޮމްއިން އެކުލަވައިލި ޕްލޭން އިފްތިތާހުކުރަނީ --- ފޮޓޯ/ ޔޫއެންޑީޕީ މޯލްޑިވްސް

ޔޫއެންޑީޕީ މޯލްޑިވްސް އިން ބުނި ގޮތުގައި، މި ޕްލޭން ބިނާކޮށްފައިވަނީ މުއައްސަސާގެ އިސްކަންދޭ ކަންތައްތަކާއި، މިދިޔަ އަހަރު އެ ކޮމިޝަންގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއިން ފާހަގަވި ކަންތައްތަކުގެ މައްޗަށެވެ.

ފާހަގަކުރެވޭ ގޮތުގައި، އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.

https://sun.mv/214800

މިހެން މިކަން އޮއްވައި މައުލޫމާތު ހޯދުމާއި އެ ދޫކުރަން ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދަން އެދޭ މައުލޫމާތަށް ފީއެއް ނަގަން ފެންނަކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް