ޖިނާއީ ކުށަށް ޒިންމާވާ އުމުރު ދަށްކުރުމާމެދު މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވެއްޖެ

މީގެކުރިން ކުޑަކުދިންގެ ހިޔާގައި ހަމަނުޖެހުން އުފެއްދި ކުދިންތަކެއް ގެންދަނީ -- ސަން ފޮޓޯ

ކުޑަކުދިން ކުށަށް ޒިންމާވާންްޖެހޭ އުމުރު ދަށްކުރުމުގެ ކުރިން އެ ކަމާ ގުޅޭގޮތުން އެކަށީގެންވާ މިންވަރަށް ދިރާސާކޮށް ނިކުމެދާނެ ނަތީޖާތަކާމެދު އިތުރަށް ވިސްނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން އިތުރު މަދަނީ ޖަމިއްޔާތަކަކުން މިރޭ ގޮވައިލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާއި ހޯޕް ފޯ ވިމެންއާއި، ފެމިލީ ލީގަލް ކްލިނިކްގެ އިތުރުން އުތެމައިން ގުޅިފައިވާ މި ބަޔާން ނެރުނީ އއ. ރަސްދޫގައި މިސްކިތެއްގައި ކުޑަކުއްޖަކާ މެދު ވަރަށް އިހާނެތިކޮށް އެހެން ކުދިންތަކެއް އަމަލުކޮށް، ބުލީކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.

ގުޅިފައިވާ މަދަނީ ޖަމިއްޔާތަކުން ބުނީ އއ. ރަސްދޫގައި ހިނގައިދިޔަ ހާދިސާއަށް ބަލާއިރު އެ ފަދަ މައްސަލަތަކަކީ ކުރިން ވެސް އަދި މިހާރު ވެސް މުޖުތަމައުގައި ދިމާވާ ކަންބޮޑުވާ
މައްސަލައެއް ކަމަށެވެ. މި ހާދިސާ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން އެކި ރަށްރަށުގައި ހިނގާފައިވާ މި ފަދަ ވީޑިއޯތައް ވެސް އާންމުވަމުން އަންނަކަން ފާހަގަވިކަމަށް ވެސް ބުންޏެވެ.

ހަމައެއާއެކު މި މައްސަލައާ ގުޅިގެން ބައެއް ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި ކުދިންގެ ފޮޓޯ ޖަހައި ކުދިންގެ އާއިލާތަކުގެ ޒާތީ ވާހަކަތައް ފެތުރުމަކީ އެ ކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަން ނިގުޅައި ގަނެވޭ އަދި އަނިޔާދޭ ފަރާތްތަކާއި އާއިލާތައް އިތުރަށް ލޭބަލްކުރެވި، ރުޖޫއީ އިންސާފުގެ ތެރެއިން އިންސާފު ހޯދުމަށް ހުރަސްއެޅޭ ފަދަ ކަންކަން ކަމުގައި އެ ޖަމިއްޔާތަކުން ބުންޏެވެ.

އަދި މިފަދަ ހާދިސާތަކަށް ހައްލެއް ނުވަތަ އިންސާފު ހޯދުމަކީ މުޖުތަމައު ގުޅިގެން މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ކުރުން މުހިންމު ކަންކަން ކަމުގައި އެ ޖަމިއްޔާތަކުން ޤަބޫލުކުރާ ކަމަށް ބުންޏެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ކުޑަކުދިން ޖިނާއީ ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަަރަށް ދަށްކުރަން ނިންމި ނިންމުމާމެދު އެ ޖަމިއްޔާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ ޖަމިއްޔާތަކުން ބުނީ، އެ އުމުރު 12 އަހަރަށް ތިރިކުރުމުން ކުރާނެ އަސަރުތަކާމެދު މުޖުތަމަޢު ހިމެނޭހެން މަޝްވަރާކޮށް ކުޑަކުދިންގެ އަސާސީ ޙައްޤުތައް ހިމާޔަތް ވާނެހެން ވިސްނުން މުހިންމު ކަމަށެވެ.

އަދި މި ކުދިން މުޖުތަމަޢަށް އަނބުރާ ރުޖޫއަކުރެވޭނެ ވިސްނުމަކުން ގޮތެއް ނިންމުމަކީ އަސްލު ހަގީގީ މައްސަލައަށް ވާސިލްވުމަށް އެންމެ ރަގަޅު ގޮތްކަމުގައި އެ ޖަމިއްޔާތަކުން ބުންޏެވެ.

"މިގޮތުން އަވަސް ރިހެބިލިޓޭޝަން ނިޒާމަކާއި މުޖުތަމައުއަށް އަނބުރާ ގެނެއުމަށް ބާރުއަޅާ ނިޒާމެއް ޤާއިމްކުރުން މުހިންމެވެ. މީގެ އިތުރުން 200 ވަރަކަށް ކުދިން އެކުދިންގެ ނާޖާއިޒް ފައިދާ ނަގާ ބަޔަކު މުޖުތަމައުގައި އުޅޭއިރ،ު ހަމައެކަނި އެ ކުދިން ބަންދުކުރުމަކުން އެފަދަ ޢަމަލުތައް ހިންގާ މީހުން ހުއްޓުވޭނެ ކަމަކަށް ނުދެކެމެވެ،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ކަމާމެދު އިތުރަށް ވިސްނައި ދިރާސާކުރަން ޖަމިއްޔާތަކުން ގޮވައިލިއެވެ.

ހަމައެއާއެކު ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށް މަރުކަޒުކުރުމާބެހޭ ގޮތުން ސަރުކާރުން އިސްކުރާ ސިޔާސަތަކީ މިފަދަ ކުދިންނަށް ބޭނުންވާ
އެހީތެރިކަމާއ،ި އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ގެނައުމަށް އެންމެ ރަނގަޅު ސިޔާސަތުކަމުގައި ނުދެކޭކަމަށް ބުންޏެވެ. އަދި ކުށަށް ހުށަހެޅިފައިވާ ކުދިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކުރެވޭނޭފަދަ ސިޔާސަތެއް ކަމުގައި ނުބެލެވޭކަމަށް ވެސް ބުންޏެވެ.

އެއާއެކު ރިހެބިލިޓޭޝަނާއެކު އަލުން މުޖުތަމައުއަށް އެކުދިން ނެރުން އިސްކުރަން އެ ޖަމިއްޔާތަކުން ވަނީ ގޮވައިލައިފައެވެ.

ރަސްދޫގައި ހިނގައިދިޔަ މި ހާދިސާއާއެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާއެކު ސަރުކާރުން ވަނީ މި ކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް