ހުޅުމާލެ ވެޓެރަންސް އިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވެޓެރަންސް މުބާރާތް ކާމިޔާބުކޮށްފިއެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެފްއޭއެމް ވެޓެރަންސް ފުޓުބޯޅަ ލީގުގެ މިއަހަރުގެ މުބާރާތުގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސް ނުކުތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުން ހުޅުމާލެ ވެޓެރަންސް މޮޅުވީ ޕެނަލްޓީ ޖަހައިގެން 3-4ގެ ނަތީޖާއަކުންނެވެ.
އެ މެޗު ޕެނަލްޓީ ޝޫޓްއައުޓްއަށް ގޮސްފައިވަނީ ފުރިހަމަ ވަގުތު ހަމަވި އިރުވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުންނެވެ. ޕެނަލްޓީގައި މުއިވެޔޮގެ ދެ ޕެނަލްޓީއެއް ނާކާމިޔާބުވި އިރު، އެއީ އަހުމަދު ނިޔާޒް (ނިޔާ) އާއި އަހުމަދު ސައީދު (އަންމަޓީ) ފޮނުވާލި ޕެނަލްޓީއެވެ. އަދި ހުޅުމާލެ ވެޓެރަންސްއަށް ހަމައެކަނި ނާކާމިޔާބުވީ ހުސައިން ޝިމާޒް (ކޮކީ) ފޮނުވާލި ޕެނަލްޓީއެވެ.
ހުޅުމާލެ ވެޓެރަންސް އިން ވަނީ އަބްދުﷲ ހަނީފް (ބެންޖޯ) އާއި އިބްރާހިމް މާޖިދާއި އާފިއު މުހައްމަދު އަދި އަބްދުﷲ ޒުބެއިރު (ޒުއްބަ) ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަދި މުއިވެޔޮގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސައިން މުހައްމަދު ލަތީފާއި އަބްދުﷲ ސުޖާއު އަދި މުހައްމަދު ނަސްރެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުއިވެޔޮގެ އަންމަޓީއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހުޅުމާލެ ވެޓެރަންސްގެ ކީޕަރު ހަސަން ރަމީޒް (ޓިމޯ) ހޮވުނު އިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހުޅުމާލެ ވެޓެރަންސް އަކީ އެންމެ ފަހުގެ ދެ މުބާރާތުގެ ވެސް ޗެމްޕިއަނުންނެވެ.