ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިމާވި އެންމެ ބޮޑު މައްސައަކީ މީހުން ދަސްނުވުން ކަމަށް، 2018ވަނަ އަހަރު ރިޔާސީ އިންތިޚާބުން ބަލިވެ ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދެއްވި އެންމެ ފަހު ޚިޠާބުގައި އެ މަނިކުފާނު ވިދާޅުވި ކަމަށާއި އެކަން އަދިވެސް އޮތީ އެހެން ކަމަށް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ލީޑަޝިޕުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވ،ީ މިއަދު ވެސް ރައީސް ޔާމީނަށް، އެ މަނިކުފާނަށް ވަފާތެރީ ކޮން ބައެއްކަން ދަސްނުވާ ކަމަށެވެ.
އަދި މިހާރުު ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ގޮތުގައާއި އެމަނިކުފާނު އުފައްދަވާ ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ނިޔަތާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.
އެގޮތުން ކުރީގެ ފުލުސް ކޮމިޝަނަރު ހުސައިން ވަހީދާ ގުޅުވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވާލިއިރު، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ހުސައިން ކަމަށެވެ.
"އޭރު ރައީސް ޔާމީން އަޅުގަނޑުމެން ގާތު ވިދާޅުވީ، އިންޓެލިޖެންސްގެ އެއްވެސް މައުލޫމާތެއް އަޅުގަނޑާ ހަމައަށް ނުލިބޭތާ ނުވަ މަސްދުވަސް ވެއްޖެއޭ. އެ ހުރިހާ އެއްޗެއް ހުސައިން ވަހީދު ހިފައްޓައިގެންނޭ ހުރީ އަދީބަށޭ ހުރިހާ މައުލޫމާތެއް ހިއްސާކުރީ. އެ މައްސަލައިގައި ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ރައީސް ޔާމީނާ ގާތްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ ގުޅުވާ ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް މުޒާހަރާ ކުރި އިރު މަލީހު އިންނެވީ އޭރުގެ ސަރުކާރުގެ މިނިސްޓަރު ކަމުގައި ފިނި ކޮޓަރީގައި ރައީސް ޔާމީނަށް "ވަގަށް" ގޮވަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައްލަވާ، މަލީހު އޮންނާނެ ބުނެފައި 2018ގައި ވެރިކަން ބަދަލު ނުވެ އިތުރު ދައުރެއް ރައީސް ޔާމީނަށް ލިބިއްޖެ ނަމަ އަނިޔާވެރިކަމުގެ އިންތިހާއަށް ދިވެހި ރާއްޖެ ދާނެއޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނަމަވެސް މިއަދު ރައީސް ޔާމީނާ ޖެހިގެން މަލީހު އިންނަވަނީ އިޚުލާސްތެރިއެއް ގޮތުގައި ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކުރިމަތިވީ ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް ކަމަށާއި އެހެން ނަމަވެސް، އެކި ގޮތްގޮތުން ދަތުރުތައް ކޮށް ކެމްޕެއިން ވެސް ކުރި ކަމަށް ވިދާޅުވިއެވެ.
"ވަރަށް ބުރަކޮށް މަސައްކަތް ކުރީ. މާލޭގެ މޭޔަރަކަށް ޑރ. މުއިއްޒު ނެރެގެން މަސައްކަތް ކުރަމުން ދިޔަ އިރު ކަނޑައެޅިގެން އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދިޔަ މީހެއް ހުސައިން ވަހީދު އެއީ،" ހުސައިން ވަހީދު ރައީސް ޔާމީނަށް ވަފާތެރި ނުވާނެކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރެއްވި އިރު، އެމަނިކުފާނުގެ ހައްގުގައި އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެންމެ މުޒާހަރާއަކަށް ވެސް ވަޑައިނުގަތީ ކީއްވެތޯ އަބްދުއްރަހިމް ވަނީ ސުވާލު އުފައްދާފައެވެ.
"މިތިބީ އިޚްލާސްތެރިން. އިޚްލާސްތެރިވި އަންބަކު ދަރިއަކު ވެސް މިގައުމަކު ނެތް. އެކަން ދެލޮލުން ދެކިފަ މިވާހަކަ މި ދައްކަނީ. ވަރަށް އަސަރުކުރޭ އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެކޭ އަޅުގަނޑުމެން ވީ. ހާދަ ހިތްދަތި ހާލުގައޭ އަޅުގަނޑު އުޅުނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 25، 2022ގައި ހުކުމްކުރީ، ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވުމުންނެވެ.
ޖަލު ހުކުމާ ހެދި، އެ މަނިކުފާނު މީގެ ކުރިން އިސްކޮށް ހުންނެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނެވެ. އެ މަނިކުފާނުގެ ބަަދަލުގައި އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ މިހާރު އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔާމީން ވަނީ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މި ހަރަކާތުގައި ޔާމީންގެ އެންމެ އަރިސްކޮށް އުޅުއްވަނީ ކުރީގެ ސީޕީ ހުސައިން ވަހީދާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.