ރައްޔިތުން ނިކަމެތިކުރަނީ ރާވައިގެން، އުޅެނީ ވެރިންގެ ހެޔޮކަމުން ކަންކަން ވާކަން ދައްކަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ރައްޔިތުން ނިކަމެތިކޮށްފި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުން ނިކަމެތިކޮށްފި ކަަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ވެރިންގެ ހެޔޮކަމުން ކަންކަން ވާކަން ދައްކަން ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ރޭ ތުހުމަތުކުރައްވައިފިއެވެ.

އަމިއްލަފުޅު ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުން ރައްޔިތުން ނިކަމެތިކޮށް، އަތްމަތި ދަތިކުރަނީ ގަސްދުގައި، ނުބައި ރޭވުމެއްގެ ދަށުން ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ، ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޑޮލަރު ހޯދުމާއި އެހީތެރިކަން ހޯދުން ފަދަ ކަންކަމަކީ ރައީސް މުޢިއްޒާ ގާތް ގުޅުން ބާއްވާ ބޭފުޅުން ކޮށްދެއްވާ ކަންކަމަށް މިހާރު ވެއްޖެ ކަމަށެވެ.

"މި ދަނީ އަޅުގަނޑުމެން މި ތަނުގައި ޝާހީ ވެރިކަން އޮތްއިރު ރަސްގެފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާ ހިސާބަށް. އަޅުގަނޑުމެން މި ފަހަތަށް ސޮއްސާލީ، ޑިމޮކްރަސީގައި މި ދިޔައީ ފަހަތަށް. 30-40 އަހަރު ފަހަތަށް މި ދިޔައީ،" ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން، މިދިޔަ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓުގައި އަންނަ އަހަރަށް ރާވާފައިވާ މަޝްރޫއުތައް ނުހިމަނާތީ އެ ކަމަށް ވެސް ޔާމީން އަލިއަޅުވާލެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުތަކުން މަޖިލީހަށް ބަޖެޓު ހުށަހެޅީ މަޝްރޫއުތަކުގެ ތަފުސީލުތައް ހިމަނާފައި ކަމަށެވެ.

"[ފިނޭންސް] މިނިސްޓަރު [މޫސާ] ޒަމީރު ގަބޫލުފުޅުކުރައްވަން ޖެހޭނެ ގާނޫނުއަސާސީގައި ބަޖެޓާ ބެހޭ މާއްދާއެއް އެބައޮތް ކަމާއި، ރައްޔިތުންގެ މަޖިލީހުން ބަޖެޓު ޚާއްސަކޮށް ކެޕިޓަލް މަޝްރޫއުތަކާއި ޚަރަދު ހިނގާ ދާއިރާތަކާއި އޭގެ ތަފުސީލުތައް މިއޮއްހާ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދިޔައީ. އަދި، އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެނޭ މަޖިލީހުން ފާސްކޮށްގެން ނޫނިއްޔާ،" ޔާމީން ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރަން މި އަހަރާއި އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުތަކުގައި މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް، އަދި މުވައްޒަފުންގެ ތަފުސީލެއް ވެސް ނުހިމަނައެވެ. އެހެންވެ، ސަރުކާރަށް އާންމުންނާއި އޮޑިޓަރު ޖެނެރަލް ޙުސައިން ނިޔާޒީގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް ބޮޑެތި ފާޑުކިއުން އަމާޒުވިއެވެ.

https://sun.mv/213718

މިދިޔަ މަހުގެ 10ވަނަ ދުވަހު ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އެ ފާޑުކިއުންތަކުގެ ރައްދުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ، މީގެ ކުރިން ކޮންމެ ރަށަކަށް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ބައްދަލުކުރެއްވުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ވަޑައިގެން ނޯޓުކުރުން ފަދަ ކަންކަން އޭރުގެ ސަރުކާރުތަކުން އާންމު ގޮތެއްގައި ނުކުރާ ކަމަށެވެ.

"މި ޒަމާނަށް އައި ބަދަލާއެއްކޮށް މި އޮތީ ރައީސް މުއިއްޒުގެ ޒައާމަތުގައި ރައީސް މުއިއްޒު މި މަސައްކަތްކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް،" ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު --- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ، ވެރިރަށް މާލެ ސަރަހައްދުގައި ތިބޭ ބަޔަކަށް ރަށެއްގެ ސިއްހީ މަރުކަޒެއްގައި ހުންނަ މައްސަަލަތަކެއް ނޭނގޭނެ ކަމަށާއި، އެ ސިއްހީ މަރުކަޒަކަށް ބަދަލު ގެންނަން އެނގޭނީ އެ ރަށަކަށް ސީދާ ގޮސް އެ ތަނުގެ ހާލަތު އަންދާޒާކުރެވުމުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެންގެ ވެސް އިއްޒަތްތެރި މެންބަރުގެ ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންފުޅުވާ ގޮތަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުން. އެ ކަންތައް އެންމެ ރަނގަޅަށް ކުރެވޭ މެކޭނިޒަމް މިހާރު އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ސުވާލުކުރެއްވުމުން ޒަމީރު އެ ދުވަހު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެ އެކުލެވިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި މަޝްރޫއުތައް ހިންގާނެ މެކޭނިޒަމް ތަފާތުވާނެއެވެ.

comment ކޮމެންޓް