ވެރިރަށް މާލޭގެ މޭޔަރުކަމަށް ދެން ވަޑައިގަންނަވަން ޖެހޭނީ ކުރީގެ މޭޔަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ބައްލަވާނެ ބޭފުޅެއް ކަމަށް ވިދާޅުވެ، މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ކޮންމެ ހަފުތާއަކު އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވަޑައިގަތުމަށް ފަހު އާޒިމް ރަނގަޅު މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ހަގީގަތުގައި ވެސް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އުފުއްލަވާތޯ ސުވާލު އުފެދޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ބުރު ދޭތެރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭރު މާލޭގެ މޭޔަރަކަށް ހުންނެވިއިރު 20 ބިމެއް ވިއްކާލެއްވި ކަމަށެވެ. ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ އިތުރުން، އޭރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވަގުތީގޮތުން މޭޔަރުގެ ޒިންމާތައް އަދާކުރެއްވިއިރު ހިނގި ކަންކަން އާޒިމް ނުބައްލަވާ ކަމަށް ވެސް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.
"މި ކަންކަން ކީއްވެގެން އާދަމް އާޒިމް ނުބަލައި މި އުޅެނީ؟ އޭނަ މީގެން ކަމެއް ބަލާކަށް ބޭނުމެއްނުވޭ އެނގޭތޯ. އޭގެ މާނައަކީ އެ ހުންނަނީ ލޯ މަރާލައިގެންނޭ އެ ކަންކަމަށް،" ޔާމީން ތުހުމަތުކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް
އާޒިމް މޭޔަރުކަމަށް ވަޑައިގަތުމަށް ފަހު، ސިޓީ ކައުންސިލުން އާޒިމާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ހިއްސާ އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާއި ދެ ބޭފުޅުންނާ ގުޅުންހުރި ކުންފުނިތަކަށް ބިން ދީފައި އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ދަފުތަރުގައި ނުހިމެނޭ ބިންތައް ހިމެނޭ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
ކައުންސިލްގެ ރަސްމީ ޖަލްސާތަކަށް ބައެއް މައްސަލަތައް އެޖެންޑާކުރުމުން ވެރިކަންކުރާ ޕީއެންސީގެ ކައުންސިލަރުން ޖަލްސާކުރާ މާލަމުން ނުކުތުމާއި، މިދިޔަ ހަފުތާގައި ވިލިމާލެ އަވަށުގެ ކައުންސިލަރު ނަޙުލާ ޢަލީ ބައެއް ލިޔެކިއުން ވީދާލެއްވި މައްސަލައަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ ކަންކަމަށް އާޒިމްގެ އެއްވެސް ޖަވާބެއް ނެތުމުން ގޯހެއް އުޅޭކަން އެބަހާމަވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިވެޓް ފާމަކާ ހަވާލުކޮށްގެން ކައުންސިލަށް އޮޑިޓްކުރެވޭނެއެވެ.
އެކަމަކު، ކައުންސިލް އޮޑިޓްކުރުމާއި ބިމާބެހޭ ދަފުތަރު އާންމުކުރުން ފަދަ ކަންކަން އާޒިމް މިހާރު ކުރައްވަނީ ރައްޔިތުންގެ އިތުބާރު ގެއްލޭތީ ކަމަށް ވިދާޅުވެ، ޔާމީން ވަނީ އެ މަސައްކަތްކުރަން މިހާރު މާ ލަސް ވެސް ވެއްޖެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ [ކުރީގެ މޭޔަރުން] މި ހިންގާފައި ހުރި ނާޖާއިޒު ވިޔާނުދާ ކަންކަން ބަލާ ވަރުގެ މޭޔަރަކު،" ޔާމީން ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ވެސް ޔާމީން ވަނީ އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ރައީސް މުޢިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޢާޒިމް ތިއްބެވީ ގުޅިފައި ކަމަށް ޔާމީން އޭރު ތުހުމަތުކުރެއްވިއެވެ.
ޔާމީން އޭރު ވަނީ ކުރީގެ ރައީސް ޞާލިޙާ ސީދާ ގުޅުންހުރި މައްސަލަތައް ރައީސް މުއިއްޒު ވެސް ނުބައްލަވާނެ ކަމަށް ތުހުމަތުކުރައްވާފައެވެ. އެއީ، ދެ ބޭފުޅުންނަށް ވެސް ދެ ބޭފުޅުންގެ މައްސަލަ ވެސް ހުރިކަން އެނގިވަޑައިގެން ތިއްބަވައިގެން، ގުޅިގެން ކުރައްވާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވައި ޔާމީން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެހެންވެ، އެ މަނިކުފާނު ވިދާޅުވީ، ޕާޓީ ޕޮލިޓިކްސްގެ ތެރެއިން އާޒިމްގެ މައްޗަށް "އަމުރު ހިންގަން" ހުންނެވީ ޞާލިޙް ކަމަށާއި އެހެންވެ ވެސް އެ ކަންކަން ބަލަން ނުކެރޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިޓީ ކައުންސިލުން ކުރިން ކޮށްފައި ހުރިކަން ނުބަލާތީއާއި، ބިންތައް ބެހުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. އެމްޑީޕީގެ ތެރެއިން ވެސް އަލީ އާޒިމަށް ކެމްޕޭން ކުރައްވާ ބޭފުޅުން އަންނަނީ އެ ފަދަ ތުހުމަތުތައް އާދަމް އާޒިމަށް ކުރައްވަމުންނެވެ.
އަންނަ އަހަރު ކުރީކޮޅު ކައުންސިލް އިންތިޚާބު އޮންނައިރު، މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ތެރޭގައި ދެ އާޒިމްގެ ކެމްޕޭން ފޯރިގަދައެވެ. އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީއާއި ޔާމީންގެ ޕީއެންއެފުން ވެސް މޭޔަރު އިންތިޚާބަށް މިހާތަނަށް ކެންޑިޑޭޓެއް ނެރެފައެއް ނުވެއެވެ.