ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި: ރައީސް

ސަރުކާރުން ބޭއްވި އަހާ ފޯރަމްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ: ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ރަށްރަށުގައި ހުރި ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށާއި، މިހާރު އެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި އާއްމު ރައްޔިތެއް ކަމަށްވާ މޫނިސާ ދާއޫދު ވަނީ ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމާމެދު ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރު ބަދަލުވީއިރު، ކުންފުނި ދެރުމުގެ އިތުރުން ރަށްރަށުގައި ހުރި ފެނަކަ ބްރާންޗްތައް ވެސް ހުރީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ޖެންސެޓްތަކާއި އެހެނިހެން އާލާތްތައް ހުރީ އެއްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން އެތައް ރަށެއްގައި މި ވަނީ އެތަކެތި ބަދަލުކުރަން ވެފައި. އެއީ ހާލަތަކީ. އެހެންވީމަ އަޅުގަނޑުމެން މިހާރު އެ މަސައްކަތް ފަށައިގެން މި އުޅެނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޓްރާންސިޝަން މަރުހަލާއިން ފެށިގެން ކުންފުނީގެ ހާލަތު ބަދަލު ކުރުމާއި އާލާތްތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރާކަމަށެވެ.

ރައީސް ވިދާޅުވީ، ކަރަންޓުގެ މަސައްލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުން މިފަހަކަށް އައިސް ވަނީ ވަރަށް އާންމުވެފައެވެ. ބައެއް ރަށްރަށުގައި މި މައްސަލަ ރަމަޟާން މަހު ވެސް ދިމާވެއެވެ.

comment ކޮމެންޓް