އިޔާދަކުރުވަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ރާޢްޖޭގެ ގިނަ ރަށްތަކެއްގައި އިރުގެ ހަކަތައިގެ ނިޒާމު ހަރުކުރަން ނިންމައިފިއެވެ.
ފެނަކައިން ބުނީ، "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގައި ޖުމުލަ 2.49 މެގަ ވޮޓްގެ ސޯލާ ހަރުކުރާއިރު 1.9 މެގަ ވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރަން ނިންމައިފައިވާ ކަމަށެވެ.
ތ. އަތޮޅުގައި ސޯލާ ހަރުކޮށް ގިނަ ރަށްރަށުގައި ޕްރީ-ކޮމިޝަންކޮށް، ބޭނުންކުރަން ފަށާފައި ވާއިރު ބާކީ ހުރި ރަށްތައް ވެސް މި މަސް ނިމުމުގެ ކުރިން ކޮމިޝަން ކުރާނެ ކަމަށް ފެނަކައިން ވަނީ ހާމަ ކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގައި އަންނަ ސެޕްޓެމްބަރު މަހު ސޯލާ ހަރުކުރަން ފެށޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އިޔާދަކުރުވަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ރާޢްޖޭގެ ބައެއް ރަށްރަށުގައި ސޯލާ ހަރުކޮށްފައި --- ފޮޓޯ/ ފެނަކަ
ބ. އަތޮޅުގައި 2.74 މެގަ ވޮޓްގެ ސޯލާ ޕީވީ ހަރުކުރާއިރު ރ. އަތޮޅުގައި 3.599 މެގަ ވޮޓްގެ ސޯލާ ހަރުކުރަން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ފެނަކައިގެ ހުރިހާ އިންޖީނުގެއެއްގައި ވެސް ސޯލާ ހަރުކުރުމަށް ރާވާފައި ވާއިރު އެއީ ޖުމުލަ ފަސް މެގަ ވޮޓް ކަމަށް ފެނަކައިން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ޚިދުމަތްދޭ އެންމެ ބޮޑު ހަ ސަރަހައްދުގައި ވެސް ސޯލާ ހަރުކުރުމަށް ވަނީ ނިންމާފައެވެ. އެއީ އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ހިންނަވަރު އަދި ބ. އޭދަފުށީގެ އިތުރުން ކުޅުދުއްފުށި ސިޓީއެވެ. މިރަށްތަކުގައި ޖުމްލަ 11 މެގަ ވޮޓްގެ ސޯލާ ހަރުކުރުމަށްވަނީ ނިންމައިފައެވެ.

އިޔާދަކުރުވަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ރާޢްޖޭގެ ބައެއް ރަށްރަށުގައި ސޯލާ ހަރުކޮށްފައި --- ފޮޓޯ/ ފެނަކަ
ޕޮއިސްޑް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ސޯލާ-ޑީސަލް ހައިބްރިޑް ކަރަންޓު އުފައްދާ ނިޒާމުތައް ތައާރަފުކޮށް ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާވާ މިންވަރު މަދުކުރުން ކަމުގައި ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.

ފެނަކައިން ސޯލާ ޕެނަލްތަކެއް ހަރުކޮށްފައި: ޕޮއިސްޑް ޕްރޮޖެކްޓުގެ މަގުސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން -- ފެނަކަ
މީގެ އިތުރުން ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ފެނަކައިން ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ވަނީ އަމާޒު ހިފައިފައެވެ.
މި މަޝްރޫޢުގެ ސަބަބުން، ރާއްޖެއަށް ހަކަތައިގެ ދާއިރާގައި ފާހަގަކުރެވޭ ކުރިއެރުމެއް ލިބި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އިތުރު ބާރެއް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.