ޑޫންގެ ތިންވަނަ ބައި ނެރެނީ، މަސައްކަތް ފަށައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދައްކަމުން އަންނަ ފިލްމު "ޑޫން"ގެ ތިން ވަނަ ބައެއް ނެރުމަށް ނިންމައި އިއުލާނު ކޮށްފިއެވެ.

ވޯނަބްރޯސް އިން އުފައްދާފައިވާ ފިލްމު ޑޫންގެ ފުރަތަމަ ބައި ވަނީ ބޮޑު ހިޓަކަށް ވެފައެވެ. ކޮވިޑްގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ފިލްމު ހޯދި އިރު 2022 ވަނަ އަހަރު އޮސްކާގައި އެންމެ ގަދައަށް ވިދާލި އެއް ފިލްމަކީ ޑޫން އެވެ.

އެއާއެކު ދެވަނަ ބައި "ޑޫން ޕާޓް 2" ވަނީ ބޮކްސް އޮފީހުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. ކްރިޓީކުންގެ މެދުގައި ވެސް ފިލްމަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މި ފިލްމުގެ އާމްދަނީ ވަނީ ބައި ބިލިއަން ޑޮލަރުން މައްޗަށް އަރާފައެވެ.

ދާދިފަހުން ފިލްމުގެ ތިންވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަން އިއުލާނު ކޮށްފައިވާއިރު މަސައްކަތުގެ ޕްރީ ޕްރޮޑަކްޝަން މިހާރު އޮތީ ނިމުމާ ގާތްވެފައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އާ ފިލްމު ޑައިރެކްޓު ކުރާނީ ޑެނިސް ވިލިނޫވް އެވެ. ފިލްމުގެ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓު ކޮށްފައިވަނީ އޭނާ އެވެ. ފިލްމުގެ ޑައިރެކްޝަނުގެ މަސައްކަތަށް ވެސް އަންނަނީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އާ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާ ދުވަސް އަވަސް ވާނެ ކަމަށް ބައެއް ކްރޫއިން އިޝާރާތް ކުރެއެވެ. ފުރަތަމަ ފިލްމާއި ދެވަނަ ފިލްމާ ދެމެދުގައި ތިން އަހަރުގެ ގެޕެއް އޮތް ނަމަވެސް ދެވަނަ ފިލްމާއި ތިންވަނަ ފިލްމާ ދެމެދު އެހާ ގިނަ ދުވަސް ނުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ތިންވަނަ ފިލްމާ އެކު ކާސްޓަށް އަނެއްކާވެސް ބަދަލު އަައުމަށް ހަމަޖެހިފައިވާއިރު ލީޑުން ފެނިގެންދާ ޒެންޑެޔާ އާއި ޓިމޮތީ ޝަލަމޭ އަދި ރިބެކާ ފާގަސަން މި ފިލްމުން ވެސް ފެންނާނެއެވެ.

comment ކޮމެންޓް