އިޒްރޭލަށް ފާޑުކިޔުމުން ބެލާ ބޭރުކުރި މައްސަލަ ހޫނުވެއްޖެ

އިޒްރޭލަށް ފާޑު ކިޔުމުން ބެލާ ވަނީ އެޑިޑާސްގެ ކެމްޕެއިން އަދި ސްޕޯޓްސްވެއާ ލައިނުން ބޭރުކޮށްލާފައި ---

އިޒްރޭލަށް ފާޑުކިޔުމާ ގުޅިގެން އެޑިޑާސްގެ ކެމްޕެއިނުން މަޝްހޫރު ސުޕަމޮޑެލް ބެލާ ހަދީދު ބޭރުކޮށްލި މައްސަލަ ހޫނުވެއްޖެއެވެ.

ފަލަސްތީނުގެ ހައްގުގައި އެންމެ ކުރިން ފެށިގެން ވެސް ވާހަކަދައްކަމުން އައި މޮޑެލް ބެލާއަކީ މި ވަގުތު އިންޑަސްޓްރީގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް މޮޑެލްއެވެ. އެ ގޮތުން, އޭނާއަކީީ ބޮޑެތި ތަފާތު ބްރޭންޑުތަކުގެ އެމްބެސެޑަރުކަން ވެސް ކޮށްފައިވާ މޮޑެލްއެކެވެ.

އެޑިޑާސްއިން ވަނީ މި އަހަރުގެ އޮލިމްޕިކްސްއާ ދިމާކޮށްފައި އެ ބްރޭންޑުގެ ކުރީގެ ސިގްނޭޗާ ބޫޓެއް ތައާރަފުކޮށްފައެވެ. އެޑިޑާސްއިން 1972 ވަނަ އަހަރުގައި އިއުލާނުކުރި މި ސްނީކާ ލޯންޗުކޮށްފައިވަނީ ބެލާގެ މޫނާ އެކުގައެވެ. މި ބޫޓު ޕްރޮމޯޓު ކުރުމަށްޓަކައި ހަމަޖައްސާފައިވަނީ ބެލާއެވެ.

އެ ގޮތުން, ތަފާތު އެކި ޕްރޮމޯޝަނަލް ފޮޓޯތަކާއި ވީޑިއޯތައް ނަގައި އެޑިޑާސްއިން ވަނީ އެ ކޮންޓެންޓު މީގެ ކުރީން އާންމު ވެސް ކޮށްފައެވެ.

ނަމަވެސް, އިޒްރޭލަށް ފާޑު ކިޔުން އެޑިޑާސްއަކަށް ބަލައެއް ނުގަނެވުނެވެ. ނަތީޖާއެއްގެ ގޮތުން އެޑިޑާސްއިން ވަނީ ބެލާ އެ ކެމްޕެއިނުން ބޭރުކޮށްލާފައެވެ. އަދި, އެޑިޑާސްގެ ދަށުން ހިންގާ ސްޕޯޓްސް ވެއާ ބްރޭންޑުން ވެސް ބެލާ ވަނީ ނެރެފައެވެ. ނަމަވެސް, އަދިވެސް މައި ބްރޭންޑުން އޭނާ ބޭރުކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން މި މައްސަލަ އިތުރަށް ހޫނުވެގެން ގޮސް ބެލާ ތައްޔާރުވަނީ އެޑިޑާސް ގޮވައިގެން ކޯޓަށް ދިޔުމަށެވެ. އަދި, މިކަމަށް ބޭނުންވާ ވަަކީލުން ހޯދައި މައްސަލައިގެ ލިޔެކިޔުންތައް ހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ބެލާގެ ރިޕްރެޒެންޓެޓިވް ވަނީ ބެލާ އެ މައްސަލަ ކޯޓަށް ވައްދަން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް