ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައިވަނީ، ގިރާވަރުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ.
އެހެންވެ، އެ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައިވެއެވެ.
އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ 1347 ގޯތީގެ އަދަދާއި ބޮޑުމިނަކީ:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
އެ އިއުލާނާއެކު މިނިސްޓްރީން ވަނީ، ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އިން މިމަހުގެ 14ވާ އާދިއްތަ ދުވަހުގެ 23:00ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފަމެވެ.
އެ މިނިސްޓްރީން ބުނީ، ބަދަލުކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދަަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުންކަމަށެވެ.
އެ ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މި މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެކަމަށާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެކަން އިއުލާނުގައިވެއެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.