ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރި ވަރުން ދަވަން, ބައްޕަ ޑޭވިޑް ދަވަންއާ އެކު މަސައްކަތް ކުރާ ފިލްމު ގެނެސްދޭނީ މަޝްހޫރު ފިލްމު ކުންފުނި ޓިޕްސްއިން ކަން އިއުލާނުކޮށް ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.
އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ފިލްމު ރިލީޒްކުރަން ނިންމާފައިވީ ނަމަވެސް ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ހެއްވާ މަޖާ ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ މަގުބޫލު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ މި ފިލްމަކީ ވެސް އާއިލާއާ އެކު އުފާވެރި މާ ޙައުލެއްގައި ބަލާލެވޭނެ އުފާވެރި ފިލްމަކަށް ވާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވަނީ މި ފިލްމުގެ މަސައްކަތް ވަރުން ފަށަން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުތެރޭގައެވެ. ފިލްމުގައި ވަރުން އާއެކު ފެންނާނެ ބަތަލާއިންގެ މައުލޫމާތު ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް މި ފިލްމުގައި ދެ ބަތަލާއިން ފެންނާނެކަން ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ފިލްމަށް ބަތަލާ މްރޫނާލް އަދި ރަކުލް ޕްރީތް ސިންގް ގެނައުމުގެ މަޝްވަރާތައް ޓިޕްސް ކުންފުންޏާއެކު ކުރެވެމުންދާ ކަމަށާއި އެކަން ޔަގީންވުމާ އެކު ރަސްމީކޮށް އިއުލާނުކުރާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ވަރުން މީގެކުރިން ބައްޕަ ޑޭވިޑްއާ އެކު މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރޭ "މޭން ތެރާ ހީރޯ"، "ޖުޅްވާ2" އަދި "ކޫލީ ނަމްބަރު 1" ހިމެނެއެވެ. މިދިޔަ އަހަރު ފިލްމު "ބަވާލް"އިން ފެނުނު އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ މެއި މަހު ފަހުކޮޅު ރިލީޒްކުރާ ފިލްމު "ބޭބީ ޖޯން"އިންނެވެ. މި ފިލްމަކީ "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީގެ ފިލްމު "ތެރީ"ގެ ރިމޭކްއެކެވެ.