މިފަހަރު އީދަށް ކޮން ކަމެއް އޮތީ؟

ފ. އަތޮޅު ފީއަލިގައި އީދަކާ ދިމާކޮށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ސަން ފޮޓޯ

މި އަހަރުގެ ރޯދަ މަސް ނިމި ޢީދު ޗުއްޓީއަކާ ދިމާވާން މިއޮތީ ވަރަށް ކައިރިވެފައެވެ. ޢީދު ޗުއްޓީއަކީ ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު އެއް ޗުއްޓީއެވެ. ކައިރި ރަށްތަކަށް ގޮސް އާއިލާއާ އެކު ވަގުތު ހޭދަކޮށްލައި މީހާ އަލުން ރިފްރެޝް ކޮށްލުމަކީ ޢީދު ޗުއްޓީގައި ދިވެހިން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. މި ފަހަރު ގިނަ ބަޔަކު ޢީދު ޗުއްޓީގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

ކޮންމެ އަހަރެއްގެ އީދު ޗުއްޓީއާ ގުޅިގެން އާންމުންނާއި ކުންފުނިތަކުގެ އިތުރުން ޖަމިއްޔާތަކުން ވެސް ގިނަ ހަރަކާތްތަކެއް ރާވައެވެ. މިއަހަރުވެސް އީދަށް އެކި ކަހަލަ ހަރަކާތްތައް ރާވަމުންދާ ތަން ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް އީދާ ގުޅޭގޮތުން އާންމުންގެ ތެރޭގައި މިފަހަރު އެވަރަށް ވާހަކަ ދައްކައި އުޅޭތަނެއް ނުފެނެއެވެ.

"ފަހަރުގައި އީދު އަންނަން އަދި ދުވަސްކޮޅެއް އޮތީމަ ކަންނޭނގެ. މިފަހަރު ވަރަށް ނީވޭ އީދުގެ ވާހަކަ. އަހަރެން ވެސް މިފަހަރު ނެތް އީދުގައި އެއްވެސް ކަމެއް،" މިދިޔަ އަހަރު އީދަށް އަމިއްލަ ރަށަށް ދިޔަ އާދަމް ފަހީމް ބުންޏެވެ.

އާންމުކޮށް އީދާ ގުޅިގެން އެންމެ ގިނަ ބަޔަކު ދައްކާނެ އެއް ވާހަކައަކީ ދަތުރުގެ ވާހަކައެވެ. މިފަހަރުގެ އީދާ ދިމާކޮށް ބޮޑު ޗުއްޓީއެއް ލިބުނު އިރު އެންމެ އަޑު ނީވޭ އެއް ވާހަކައަކީ ދަތުރު ކުރުމުގެ ވާހަކައެވެ. އީދަށް ރަށް ރަށަށް ދާން އުޅޭ ކަމުގެ ވާހަކަ މިފަހަރު ވަރަށް މަދުން ނޫނީ ނީވެއެވެ.

"ސަރުކާރު ވަޒީފާތަކަށް ދާން ނުޖެހުނަސް ގިނަ ބަޔަކު އަދި ވެސް މަސައްކަތަށް ނިކުމޭ. ދެން މިފަހަރު ވަރަށް ހަރަދު ބޮޑު ރޯދަ މަހު. އެހެންވީމާ އީދަށް ތަނަކަށް ދެވޭ ވަރަކަށް ނެތް ފައިސާއެއް. އެއީ އެހެންމީހުންނަށް ވެސް ވީގޮތް ކަމަށް ވެދާނެ،" ފަހީމް އިތުރަށް ކިޔައިދިނެވެ.

ރަށްރަށުގައި އާންމު ގޮތެއްގައި އީދުގައި ވަރަށް ގިނަ ކުޅިވަރުތައް އޮވެއެވެ. މާލޭގައި ވެސް ބައެއް ކަހަލަ ހަރަކާތްތައް އީދުގައި އޮވެއެވެ. މިއަހަރުވެސް މާލޭގައި ބައެއް ކަހަލަ ހަރަކާތްތައް ރާވަމުން އެބަ ގެންދެއެވެ. އެގޮތުން ކުލަ ޖެހުމާއި ފެންކުޅި ކުޅުން ފަދަ ކަންތައްތައް ހިމެނެއެވެ. މި ހަރަކާތްތަކަކީ އީދު ކައިރި ވުމުން ބައިވެރިން ގިނަ ވާނެ ހަރަކާތްތައް ކަމުގައި ބެލެވެއެވެ.

އެހެންވީމާ މިފަހަރުގެ އީދުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ އީދަށް މިފަހަރު ރަށުން ބޭރަށް ދަތުރު ކޮށްލަނީތަ، ނޫނީ އާއިލާ އާއެކު ވަގުތު ހޭދަ ކޮށްލަނީތަ؟

comment ކޮމެންޓް