އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށަނީ

އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނެ ކަމަށް ރައީސް ވިދާޅުވީ، އޭދަފުށީ މެންބަރު އަދި ޕީޖީ ލީޑަރު އަހުމަދު ސަލީމްގެ ކެމްޕެއިން ހަރަކާތެއްގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު ދައުރަކަށް ވާދަކުރައްވާ އޭދަފުށީގެ މެންބަރު އަދި ޕީޕީއެމްގެ (ރެޑް ވޭވް ސަލީމް)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ސަލީމްގެ އިސްނެންގެވުމުގެ މަތީން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ސަރުކާރަށް ގެނައުމުގައްޔާއި، އެ މަޝްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ހުއްދަތައް ހޯދުމުގައި ވެސް ސަލީމް އިސްނެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ބޮޑު މަޝްރޫއެއްގެ ވާހަކަ އިއުލާންކުރެއްވިއިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ރައީސް ހާމައެއް ނުކުރައްވައެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް މުހިންމީ ކަންކަންކޮށްދީ، ނަތީޖާ ނެރެދިނުން ކަމަށެވެ.

"އެ އެއްބާރުލުން ނުދޭ، ސަރުކާރުގެ މަސައްކަތްތަކަށް ބުރެކިޖައްސާ، މަޑުޖައްސާ، ހުރަސްތައް ކުރިމަތިކުރާ މަޖިލީހެއް ކުރިމަތިކުރީމަ، ދެން މި ދެންނެވި ނަތީޖާ ނެރުނުމުގައި އަންނާނެ މަޑުޖެހުމެއް. މިއީ ވަރަށް ފަސޭހައިން ފަހުމުވެ ވަޑައިގަންނަވާނެ ވާހަކައެއް،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވަރަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންނެވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވާގޮތުގައި އެ ވައުދުތައްވީ، އެ ހުރިހާ ވައުދެއް ވެެސް ފަސް އަހަރު ތެރޭގައި ފުއްދޭނެކަން ގަބޫލުފުޅު ކުރެއްވޭތީއެވެ.

އެހެން ނަމަވެސް ކޮންމެ ވައުދެއް ފުއްދުމުގައި ވެސް ޝަރުތުތަކެއް ހުންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ޝަރުތުތަކަކީ މަޝްރޫއެއް ކުރިޔަށް ގެންދާއިރު، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ހުއްދަތައް ފަދަ ކަންކަމެވެ. އަދި އެ ބޭނުންވާ ހުއްދަތައް ނުދީ ހިފަހައްޓައި، އިތުރު ހުރަސްތައް ވެސް ރައްޔިތުންގެ މަޖިލީހުން ކުރިމަތިކުރެވޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ހުންނެވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެހެން ކަމުން އެކަންކަން ހާސިލްކުރުމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް