އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށްފަހު ހޮލީވުޑާ ދިމާލަށް މިސްރާބު ޖެހި ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް ކެނެޑާގެ މަޝްހޫރު ޕްރޮޑިއުސަރެއްގެ ޑޮކިއުމެންޓްރީ ފިލްމު ޕްރޮޑިއުސްކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.
ކެނެޑާއަށް ނިސްބަތްވާ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ބެރީ އެވްރިޗް ގެނެސްދޭ ސެލެބްރިޓީ ޝެފް ސާޝް ސިމްޕްސަންގެ ބައޮޕިކް ޑޮކިއުމެންޓްރީ ޕްރިޔަންކާ ޕްރޮޑިއުސް ކުރަން ނިންމާފައި ވަނީ އަމިއްލަ ފިލްމު ކުންފުނި ޕާޕްލް ޕެބްލް ޕިކްޗާސް ބެނާގެ ދަށުންނެވެ.
ބެރީ އެވްރިޗްއާ ގުޅިގެން މި ޑޮކިއުމެންޓްރީ ޕްރޮޑިއުސްކުރަން އެއްބަސްވިކަން ޕްރިޔަންކާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
"ބޯން ހަންގްރީ"ގެ ނަމުގައި އަމިއްލަ ފިލްމު ކުންފުނިން ޕްރޮޑިއުސްކުރާ މި ޑޮކިއުމެންޓްރީ އަކީ އެ ކުންފުނިން އަބަދުވެސް އޯޑިއަންސަށް ގެނެސްދޭން ބޭނުންވާ ކަހަލަ ޔުނީކް އުފެއްދުމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިއީ ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ފަދަ ވާހަކަތަކެއް ކިޔައިދޭނެ ޑޮކިއުމެންޓްރީއެއް ކަމަށާއި އާއްމުންނާ ހަމައަށް މި އުފެއްދުން ގެނެސްދޭން ކެތްމަދުވެފައިވާ ކަމަށް ޕްރިޔަންކާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ޕްރިޔަންކާ އާއި މަންމަ މަދޫ ގުޅިގެން 2015ވަނަ އަހަރު ލޯންޗު ކުރި ޕާޕްލް ޕެބްލް ޕިކްޗާސްއިން މިހާތަނަށް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭ "ވެންޓިލޭޓަ"، "ޕާނީ" އަދި 2019 ވަނަ އަހަރު ޕްރިޔަންކާ މުހިއްމު ރޯލްއިން ފެނުނު ފިލްމު "ދަ ސްކައި އިޒް ޕިންކް" ހިމެނެއެވެ.
ހޮލީވުޑްގެ ފިލްމީ ދުނިޔެއަށް ޕްރިޔަންކާ ނުކުމެފައިވާއިރު ދާދިފަހުން ބަތަލާ ވަނީ އޮސްކާ އެވޯޑަށް ނޮމިނޭޓްވި ޑޮކިއުމެންޓްރީ ފިލްމު "ޓު ކިލް އަ ޓައިގާ"ގައި އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
ޕްރިޔަންކާ ޕްރޮޑިއުސްކުރާ "ބޯން ހަންގްރީ" އަކީ ރޭލު ދަތުރެއްގައި އާއިލާއާއި ވަކިވެ މަގުމަތިވެ އިންޑިއާގެ ޗެންނާއީގެ މަގުތަކުގައި ވަރަށް ފަގީރު ހާލުގައި ދިރިއުޅުނު ކުޑަ ކުޑަ ސާޝްގެ ދިރިއުޅުން ޝެފަކަށް ބަދަލުވި ދަތުރު ކިޔައިދޭ ޑޮކިއުމެންޓްރީއެކެވެ. ކެނެޑާގެ ސިމްޕްސަން އާއިލާއިން އޭނާ އެޑޮޕްޓް ކުރުމަށްފަހު ދިރިއުޅުން ބަދަލުވިގޮތް މި ޑޮކިއުންޓްރީއިން ދައްކުވައިދޭނެއެވެ.