ޣައްޒާގެ އުމްރާނީ ވަސީލަތްތަކަށް 18.5 ބިލިއަންގެ ގެއްލުމެއް

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލައިފައިވާ އިމާރާތްތަކެއް. ފޮޓޯ/އަލް ޖަޒީރާ

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކަށް 18.5 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފިއެވެ.

ވޯލްޑް ބޭންކާއި އދ ގުޅިގެން ނެރުނު ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި އެ ގެއްލުމަކީ 2022 ވަނަ އަހަރު ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ޖުމްލަ އިގްތިސާދީ ހަރަކާތްތަކުގެ 97 އިންސައްތައާ އެއްވަރުގެ ގެއްލުމެކެވެ.

ޣައްޒާގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުން އަންދާޒާކުރުމުގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި ހަމަލާތައް ފެށުނީންސުރެ މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. އެހެންވެ، މިހާރު ގެއްލުން މިއަށްވުރެ ބޮޑުވާނެއެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް 62 އިންސައްތަ ގެދޮރަށް ގެއްލުންވެފައިވާއިރު، އެއީ 290،820 ހައުސިން ޔުނިޓާ އެއްވަރުގެ އަދަދެކެވެ. އޭގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ބޯހިޔާވަހިކަންދޭ ތަންތަނަށް ލިބުނު ގެއްލުމުގެ މިންވަރު ވަނީ ޣައްޒާއަށް ލިބުނު ޖުމްލަ ގެއްލުމުގެ 72 އިންސައްތައަށް އަރައިފައެވެ. އެ ގެއްލުމުގެ އަގު ގާތްގަޑަކަށް 13.3 ބިލިއަނަށް އަރައެވެ.

ފެނާއި ސިއްހަތާއި ތައުލީމު ފަދަ އާންމުނަށް ދޭ އަސާސީ ހިދުމަތްތަކަށް 19 އިންސައްތައިގެ ގެއްލުން ލިބިފައިވާއިރު، ވިޔަފާރިއާއި ސިނާއީ މަސައްކަތްތަކަށް 9 އިންސައްތައިގެ ގެއްލުމެއް ވަނީ ލިބިފައެވެ.

ތައުލީމީ ނިޒާމު ފުނޑުފުނޑުވެ، ޣައްޒާގެ 625،000 ދަރިވަރުން ވަނީ އުގެނުމުން މަހުރޫމުވެފައެވެ. ތައުލީމު ދިނުމަށް ބޭނުންވާ ވަސީލަތްތަކަށް ލިބުނު ގެއްލުން 341 މިލިއަން ޑޮލަރަށް އަރާއިރު، 56 ސްކޫލެއް ވަނީ މުޅިން ސުންނާފަތިވެފައެވެ. 219 ސްކޫލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 33،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ ވެރިކަންކުރާ ހަމާސް ހަމާއަތް ނައްތައިލާނެ ކަމަށްބުނެ އިސްރާއީލުން ކުރަމުންދަ ހަނގުރާމައިގައި އެތައް ބަޔަކު ޒަހަމްވެސް އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

comment ކޮމެންޓް