ލަސްވިޔަސް ފަހު ޓްރެއިލާ، ބެލުންތެރިން ރޮއްވާލާނެ

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ ފިލްމު "ލަސްވިޔަސް"ގެ އެންމެ ފަހު ޓްރެއިލާ އާންމު ކޮށްފިއެވެ.

ގިނަ ބަޔަކު ވެސް އިންތިޒާރުކުރަމުން އަންނަ ފިލްމު ލަސްވިޔަސް ރިލީޒްކުރުމުގެ ތާރީހު ކައިރިވަމުން އަންނައިރު ފިލްމާ ގުޅޭ ތަފާތު މައުލޫމާތު އަންނަނީ އާންމުކުރަމުންނެވެ.

އަންނަ ހަފުތާ ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރުމުގެ ކުރީން ނެރޭ އެންމެ ފަހު ޓްރެއިލާ މިއޮތީ އެންމެފަހުން ރިލީޒްކޮށްފައެވެ. މި ޓްރެއިލާއިން ވެސް ފިލްމުގެ ތަފާތު ގިނަ އާ މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މި ޓްރެއިލަރުން އެންމެ ބޮޑަށް އެނގިގެން ދިޔަ އެއް ކަމަކީ ފިލްމަކީ އިމޯޝަނަލް ފިލްމަކަށް ވާނެ ކަމެވެ. އަދި ހިތަށް އަސަރު ކުރާ އެތައް މަންޒަރެއް ފިލްމުގެ ޓްރެއިލަރުން ފެނިގެންދާއިރު މި ފިލްމަކީ ބެލުންތެރިން ރަނގަޅަށް ވެސް ރޮއްވާލާނެ ފިލްމެއް ކަމުގައި ބެލެވެއެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި، އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭގަނޑެވެ.

comment ކޮމެންޓް