ކަމަނާ ޓްރެއިލަރު ވެސް ވަރަށް އަސަރު ގަދަ

ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"އިން ތަފާތު އެކި ގޮތް ގޮތަށް ޕްރޮމޯޓުކުރަމުން އަންނަ އާ ފިލްމު "ކަމަނާ"ގެ ވަރުގަދަ ޓްރެއިލަރު އާންމުކޮށްފިއެވެ.

ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކުރަމުން އަންނަ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުއެވެ. އެ ގޮތުން، އޯގަސްޓު މަހުގެ 27 ގައި ފިލްމު ޕްރިމިއާކުރާއިރު ފިލްމުގެ ޓިކެޓު މިހާރު ބުކްކުރެވޭނެއެވެ.

ފިލްމުގެ މައިގަނޑު ޕްލޮޓަށް އަލިއަޅުވާލައި އެކްޓަރުންގެ ރޯލުތައް ވަނީ އަލަށް އާންމުކުރި ޓްރެއިލަރުން ފެނިގެން ގޮސްފައެވެ. މި ފިލްމަކީ ވަރަށް ގިނަ ބަޔަކު ރޮއްވާލާނެ ފިލްމެއް ކަން ޓްރެއިލަރުން ވެސް ފެނިގެން ގޮސްފައިވެއެވެ. އަދި, ލީޑް އެކްޓަރު މަރިޔަމް އައްޒަގެ އެކްޓިން ހުނަރުވެސް ވަރަށް ފުރިހަމަ އަށް ޓްރެއިލަރުން ފެނިގެން ދެއެވެ.

އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އައިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

https://www.instagram.com/p/C9t_JLJJb8q

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ ކަމަށް ސެޓާން ސްޓޫޑިއޯއިން ބުނެފައިވާއިރު ޓްރެއިލަރުން ވެސް އެކަމަށް އަލި އަޅުވާލައެވެ.

ކަމަނާގެ އިތުރު ރޯލުތަކުން ފެނިގެންދާނީ އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ މިދިޔަ އަހަރު ނެރުނު ލޯބީގެ ފިލްމު "ލޯބިވެވިއްޖެ"ގެ ޕްރޮޑިއުސަރުން ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މުނައްވަރު ވަނީ މީގެ ކުރިން ވެސް ދިވެހި މުޖުތަމައުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލައި އެކި ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފައެވެ.

comment ކޮމެންޓް