ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"އިން ތަފާތު އެކި ގޮތް ގޮތަށް ޕްރޮމޯޓުކުރަމުން އަންނަ އާ ފިލްމު "ކަމަނާ"ގެ ޓްރެއިލަރު މާދަމާ ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކުރަމުން އަންނަ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުއެވެ. އެ ގޮތުން، އޯގަސްޓު މަހުގެ 27 ގައި ފިލްމު ޕްރިމިއާކުރާއިރު ފިލްމުގެ ޓިކެޓު މިހާރު ބުކްކުރެވޭނެއެވެ.
މި ފިލްމު ރިލީޒްކުރާ ތާރީޚު ކައިރިވަމުން އަންނައިރު ފިލްމުގެ ޕްރޮމޯޝަނަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި އެކި ކަހަލަ ސުވާލުތައް އުފައްދާ ޕޯސްޓަރުތައް ވެސް އާންމުކޮށްފައިވެއެވެ.
މިހާރު ޕްރޮޑަކްޝަނުން ރެޑީ ވަނީ ފިލްމުގެ ފުރަތަމަ ޓްރެއިލަރު އާންމު ކުރުމަށެވެ. މާދަމާ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ފުރަތަމަ ޓްރެއިލަރުން ފިލްމުގެ ޕްލޮޓާއި އެކްޓަރުންގެ ހުނަރަށް އަލިއަޅުވާލާނެއެވެ.
ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ ރަސްމީ ޕޯސްޓަރު ވެސް އާންމުކޮށްފައެވެ. ރަސްމީ ޕޯސްޓަރުގައި ފެންނަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ މަޝްހޫރު އެކްޓަރު މަރިޔަމް އައްޒައެވެ. ޕޯސްޓަރުގައި އައްޒަގެ ކެރެކްޓަރަށް އެކި ކަހަލަ ޖިސްމާނީ އަނިޔާތައް ލިބިފައިވާކަން ފެނިގެން ދެއެވެ. ފިލްމުގެ މައިގަނޑު ތީމަކީ ގެވެށި އަނިޔާގެ ވާހަކައެވެ.
އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އައިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ ކަމަށް ސެޓާން ސްޓޫޑިއޯއިން ބުނެއެވެ.
ކަމަނާގެ އިތުރު ރޯލުތަކުން ފެނިގެންދާނީ އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.
ފިލްމުގެ ޕްރޮޑިސަރުންނަކީ މިދިޔަ އަހަރު ނެރުނު ލޯބީގެ ފިލްމު "ލޯބިވެވިއްޖެ"ގެ ޕްރޮޑިއުސަރުން ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މުނައްވަރު ވަނީ މީގެ ކުރިން ވެސް ދިވެހި މުޖުތަމައުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލައި އެކި ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފައެވެ.