އުތުރުތިލަފަޅު އެގްރިކަލްޗާ ޒޯން ވާނީ ޒަމާނީ ޓްކްނޮލޮޖީން މުއްސަނދި ބިޔަ މަޝްރޫއަކަށް: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: އޭނާ ވިދާޅުވީ އެގްރިކަލްޗާ އިކޮނޯމިކްޒޯން ވާނީ މިޒަމާނުގެ ޓްކްނޮލޮޖީން މުއްސަނދިވެފައިވާ، ބިޔަ މަޝްރޫއަކަށް ކަމަށް-- ފޮޓޯ/ ރައީސް އޮފީސް

އުތުރުތިލަފަޅު އެގްރިކްލްޗާ ޒޯން ވާނީ އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީން މުއްސަނދިވެފައިވާ ފަޚުރުވެރި ބިޔަ މަޝްރޫއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި އެއްބަސްވުން އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަން އެ ކުންފުންޏަަށް އަންގާނެ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއަކީ އާދަޔަ ޚިލާފު، ޓެކްނޮލޮޖީން މުއްސަނދިވެފައިވާ ބިޔަ މަޝްރޫއަކަށް ވާނެ ކަމަށެވެ.

އަދި ވެރިކަން ކުރަން އެމްޑީޕީ އަށް މިދިިޔަ ދައުރުގައި މަޖިލިސް ސުޕަ މެޖޯރިޓީއާއެކު ފަސް އަހަރު ލިބުނު ކަމަށާއި، އެހެން ނަމަވެސް ކޮށްލީ ގައުމު ބަނގުރޫޓު ކަމަށް އޭނާގެ ޕޯސްޓުގައިވެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި މާފަންނު މެދު ދާއިރާގެ ވާދަކުރައްވާ ހަސަން ޢިއާދު ސަލީމްގެ ކެންޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން މިރޭ މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ، މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޯތި ދޭން ނިންމާފައި އޮތް އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމުގެ އެއްވެސް މާނައެއް ނެތްކަމަށް ވިދާޅުވެފައެވެ.

އިތުރަށް އާޒިމް ވިދާޅުވީ 50 އަހަރު ވީއިރު ވެސް މާލޭ ރައްޔިތުންނަށް ޚާއްސަަކޮށް ބޯހިޔާވަހިކަމުގެ މަސައްކަތެއް ނުހިންގާ ކަމަށެވެ. އެހެން އޮއްވައި އެމްޑީޕީގެ މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔަސާތެއްގެ މަސައްކަތްތަކެއްކޮށް، ސަރުކާރު ނިމުން އިރު އޮތީ ހުރިހާ މަޝްރޫއެއް ނިމުމަކާ ގާތްވެފައި ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ސަރުކާރުން މިހާރުވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ސީއެޗްއީސީން ބުނެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ.

comment ކޮމެންޓް