ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދާނަން: އެމްޑީޕީ

އެމްޑީޕީގެ ރައީސާއި ޗެއާޕާސަން: ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދާނެ ކަމަށް އެ ޕާޓީން ބުނޭ -- ފޮޓޯ/ އެމްޑީޕީ

ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް މެދުކެނޑުމުގެ މައްސަލައަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އޮކްޓޯބަރު 2022ގައި ތަރައްގީކުރަން ފެށި ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް ހުއްޓާލާފައިވާ ކަމަށެވެ.

އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި އެ މަސައްކަތް ހުއްޓާލައި ފ. ނިލަންދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމީ އެ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޓަކައެވެ.

"މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ފާފު އަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ." ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި، ފަސިންޖަރު ޓާމިނަލް ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު ފިނިޝިންގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު 15ގައި ފަށައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެފަދަ މަޝްރޫއުތައް ހުއްޓުވުމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަަށް ބޮޑަށް ގެއްލޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔަ ފަސް އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިމާތަމައާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ, ކޮންމެ ރެޔަކު މުޒާހަރާ ކުރަން ނިންމައިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ އިއްޔެ ބުނެފައެވެ.

https://sun.mv/190430

ނަމަވެސް އެއާޕޯޓުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި އެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލަން ސަރުކާރުން ނާންގާ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް