ކުރީގެ ރައީސުންނަށް، އާ ރައީސަކު ވެރިކަން ކުރާތަން ފެނުމުން ހަޖަމްނުވޭ: ސައީދު

ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް ޔާމީން (ކ) އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުރީގެ ރައީސުންނަށް، އާ ރައީސަކު ވެރިކަން ކުރާތަން ފެނުމުން ހަޖަމްނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު އައުމާއެކު ޑޮލަރުގެ އަގު ދަށްވީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރޭ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުގެ މާލީ ހާލަތު އޮތީ މީގެ ކުރިން ވެރިކަމެއް ބަދަލުވެ، އާ ސަރުކާރެއް ގައުމާ ހަވާލުވީއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށާއި އެއީ ހަގީގަތް ކަމަށެވެ.

އަދި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ދަނީ އެއްވެސް ސަރުކާރެއްގައި ނުދާހާ ބާރަށް ކުރިއަށް ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް، ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސައީދުގެ ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ.

މި ސަރުކާރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 18 ރުފިޔާގައެވެ. ޑޮލަރުގެ އަގު މިހާރު 17.50 ރުފިޔާގައި ހިފެހެއްޓިފައި އޮތް ކަމަށް ފަހުރުވެރިކަމާ އެކު ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި ބައެއް ވެރިން ވެސް ދަނީ މިކަން ފާހަގަ ކުރަމުންނެވެ.

ނަމަވެސް، ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތަށް ވެސް މިހާރު އޮތީ ހުއްޓާލާފައި ކަމަށެވެ. އެހެންކަމުން ޑޮލަރުގެ ޑިމާންޑު ދަށްވެފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސައީދު މިފަދައިން ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާފައި ވާއިރު، އޭނާ އަކީ ޔާމީންގެ ވެރިކަމުގެ އެމަނިކުފާނު އަރިހުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައެވެ.

comment ކޮމެންޓް