ޕީޕީއެމް ދޫކޮށްދިޔަ މީހުންނަށް ޕާޓީގެ ކަންކަމެއް ނޭނގޭނެ: ހީނާ

ޕީޕީއެމް ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާން ހީނާ ވަލީދު: ޕާޓީގައި ނޫޅުއްވާ ބޭފުޅުންނަށް ޕާޓީގެ މަސައްކަތްތަކާ ގުޅޭ ކަންކަން އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ޕީއެންސީ

ދުރުގައި ތިއްބެވި ބޭފުޅުންނާއި، ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް މި ވަގުތު ޕީޕީއެމް އަދި ޕީއެންސީގެ މަސައްކަތްތައް އެނގިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޕީޕީއެމް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ރައްދު ދެއްވައިފިއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ރޭ ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ މިހާރު ޕީޕީއެމްގެ މެންބަރަކަށް ނުވުމުން، އެ ޕާޓީގެ ކަންކަން ނޭނގޭނޭ ކަމަށް އެ ޕާޓީން ބުނި ނަމަވެސް، ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ޕާޓީގައި ނޫޅުއްވާ ބޭފުޅުންނަށް ޕާޓީގެ މަސައްކަތްތަކާ ގުޅޭ ކަންކަން އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

"ޕީޕީއެމްގެ ކަންތައްތައް ކުރިޔަށްދާ ގޮތް، ނުވަތަ ޕީއެންސީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް އެނގިވަޑައިގަންނަވާނީ އަޅުގަނޑުމެންނަށް. ދުރުގަ ތިއްބަވާ ބޭފުޅުންނަކަށް ހަގީގަތުގައި މަސައްކަތްތައް ކުރިޔަށްދާ ގޮތް އެނގިވަޑައެއް ނުގަންނަވާނެ. އަދި ހަމަ އެހެންމެ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މި ވަގުތު ޕާޓީގެ ކަންކަން ކުރިޔަށްދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ،" ހީނާ ވިދާޅުވިއެވެ.

މި ވަގުތު ސަރުކާރުގައި އޮތް ޕީޕީއެމް ޕީއެންސީއަކީ ގުޅިފައިވާ ދެ ޕާޓީ ކަމަށްވިޔަސް، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ފަރާތުން ނުކުންނަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ކަމާ ގުޅިގެން ހީނާ ވިދާޅުވީ އެއްވެސް ހާލެއްގައި "ޕީޕީއެމް އެއްލައިލީއެއް ނޫން" ކަމަށާއި މި ގޮތަށް ނިންމީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން މަޝްވަރާ ކޮށްގެން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ހުރިހާ ކެންޑިޑޭޓުން ވާދަކުރުމަށް ނިންމި ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕުގެ ނިންމުމެއް. އެހެންވީމަ ޖުމްލަ ނިންމުމެއް އެއީ ޕީއެންސީގެ ފަރާތުން ވާދަކުރުން. އެއްގޮތަކަށް ވެސް ޕީޕީއެމް ނަގާ އެއްލާލީއެއް ނޫން،" ހީނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ އޭޕްރީލް 21ގައެވެ. މި އިންތިޚާބުގައި 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.

އެއްވެސް ޕާޓީއަކުން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނުނެރޭއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 90 ދާއިރާއަކަށް ވާދަކުރާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.

comment ކޮމެންޓް