އިރުފުށި ރިސޯޓު ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓު ބާތިލުކުރުމާ ގުޅިގެން ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަންއަށް އެވޯޑުކުރި ފައިސާ ސަން ޓްރެވަލްސް އިން ދައްކައި ޚަލާސްކޮށްފިއެވެ.
ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް (ސަން) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ހިލްޓަންއަށް ދައްކަން އާބިޓްރޭޝަނުން އެވޯޑުކުރި ފައިސާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމުލަ 31.2 މިލިއަން ޑޮލަރު ސަން އިން ސީދާ ހިލްޓަންއަށް ދައްކައިފި ކަމަށެވެ. އަދި މުޅި މި މައްސަލައާ ގުޅިގެން ޤާނޫނީ ވަކީލުންނާއި، ޚަބީރުންނަށް ކުރި ޚަރަދާއި، ގުޅުންހުރި އެހެނިހެން ޚަރަދުތައް ހިމެނޭގޮތުން އިތުރު 5.6 މިލިއަން އެމެރިކާ ޑޮލަރު ސަން އިން ޚަރަދުކުރަންޖެހުނު ކަމަށް ބަޔާނުގައި ބުނެއެވެ.
ރިސޯޓް ތަރައްގީ ކުރީ ސަން އިން، ހިންގަން ހަވާލުވީ ހިލްޓަންއިން އެދިގެން
އިރުފުށި ރިސޯޓަކީ ނ. މެދަފުށީގައި ސަން އިން ޚަރަދުކޮށްގެން ތަރައްޤީކޮށް، 2008 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުވާފައިވާ 221 ކޮޓަރީގެ މައްޗަށް އެކުލެވޭ ފަސް ތަރީގެ ރިސޯޓެކެވެ. މިއީ ނ. އަތޮޅުގައި ހުޅުވި އެންމެ ފުރަތަމަ ޓޫރިސްޓު ރިސޯޓެވެ.
މެނޭޖްމަންޓް އެގްރީމަންޓުގެ ދަށުން ރިސޯޓު ހިންގަން ހިލްޓަންއާ ޙަވާލު ކުރުމާ ހަމައަށްވެސް ސަން އިން ރިސޯޓު ހިންގަމުން ދިޔައީ ކާމިޔާބު ކަމާއެކު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ރިސޯޓް ހިންގުމުގެ ޝައުގުވެރިކަން ހިލްޓަންއިން ފާޅުކުރީ ސަން އިން އަމިއްލައަށް އެ ރިސޯޓް ހިންގަމުން ދަނިކޮށް 2008 ވަނަ އަހަރުގެ ފަހު ކޮޅުގައި ކަމަށް ސަން އިން ބުންޏެވެ.
" ހިލްޓަން އިން އޭރު ބުނެފައިވަނީ، އިރުފުށި ރިސޯޓަކީ "ހިލްޓަން" ބްރޭންޑުގެ އެހެން ރިސޯޓުތަކަށްވުރެ ރަނގަޅު ފެންވަރުގައި ހަދާފައިވާ ރިސޯޓެއް ކަމަށާއި، ރިސޯޓު ރީ-ބްރޭންޑް ކުރުމަށްޓަކައި ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ރިސޯޓުގެ ނަންބޯޑު ބަދަލުކުރުން ކަމަށް،" ކަން ހިނގި ގޮތް ބަޔާން ކޮށްދެއްވަމުން ސަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގްރީމެންޓް ހެދީ ފައިދާ ވާނެކަން ދައްކައި އޮޅުވާލައިގެން
ސަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެނޭޖްމަންޓް އެގްރީމަންޓާގުޅޭ މަޝްވަރާތައް ފަށައިގަތުމަށްޓަކައި "ހިލްޓަން" ބްރޭންޑު ނަމުގައި ރިސޯޓް ހިންގައިފިނަމަ އިތުރަށް ފައިދާ ލިބޭނެ މިންވަރު އަންދާޒާކޮށް އިނީޝަލް ޕްރޮޖެކްޝަންތަކެއްގެ ވާޝަން 1.1 30 ޖެނުއަރީ 2009 ގައި ހިލްޓަން އިން ހުށަހެޅި ކަމަށެވެ. ސަން އިން އެ ޕްރޮޖެކްޝަންތައް ބަލައި ނުގަތުމުން ވާޝަން 1.1 އަށް ބަދަލުތަކެއް ގެނައުމަށްފަހު ހިލްޓަން އިން ވާޝަން 1.2 ހުށަހެޅީ 6 ފެބްރުއަރީ 2009 ގައި ކަމަށް ސަން އިން ބުންޏެވެ. އެ ވާޝަންވެސް ސަން އިން ބަލަލައި ނުގަތުމުން އޭގެ ޖަވާބުގައި، ލިބޭ އާމްދަނީ އިހުނަށްވުރެވެސް އިތުރުވާނެކަމަށް ދައްކުވައިގެން 26 ފެބްރުއަރީ 2009 ގައި ހިލްޓަން އިން ރިވައިޒްޑް ޕްރޮޖެކްޝަންތަކެއް ހުށަހެޅި ކަމަށް ސަން އިން ބުންޏެވެ.
" އަދި ހިލްޓަން އިން އޭރު އޮޕަރޭޓް ކުރަމުންދިޔަ އެހެން ރިސޯޓަކަށް ލިބޭ އާމްދަނީ ދައްކައިދޭ ޢަދަދުތައް ހިލްޓަންގެ ފަރާތުން ސަން އަށް ހާމަކުރި. ހިލްޓަން އިން ހުށަހެޅި އަދަދުތައް 30 ދަވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި 3 ފަހަރަށް ބަދަލުކުރި. މީގެ ބޭނުމަކީ ހިލްޓަންގެ މެނޭޖްމަންޓުގެ ދަށުން ރިސޯޓު ހިންގައިފިނަމަ ބޮޑެތި އަދަދުތަކުން ފައިދާވާނެކަމަށް މަކަރާއި، ހީލަތުން، އޮޅުވާލައިގެން ސަން އަށް ދައްކުވައި، ސަން ލައްވައި މެނޭޖްމަންޓް އެގްރީމަންޓުގައި ސޮއިކުރުވުން،" ސަންގެ ބަޔާނުގައިވެއެވެ.
ހިލްޓަންއިން އޮޅުވާލިކަން އިތުރަށް ތަފްސީލު ކޮށްދެމުން ސަން އިން ބުނީ ޕްރޮޖެކްޝަންތައް ހުށަހެޅުމުގައި ހިލްޓަންއިން ހަގީގަތް އޮޅުވާލާފައިވާކަމުގެ މިސާލެއްގެ ގޮތުން 2010 ވަނަ އަހަރަށް އެންމެ ފުރަތަމަ ހުށަހެޅި އިނީޝަލް ޕްރޮޖެކްޝަންތަކުގެ ވާޝަން 1.1 ގައި 56 ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާކުރި އޮކިއުޕެންސީ، ވާޝަން 1.2 ގައި 68 ޕަސެންޓަށް އިތުރުކޮށް، ފަހުން ރިވައިޒްޑް ޕްރޮޖެކްޝަންތައް ހުށަހެޅިއިރު ހުރީ 70 ޕަސެންޓަށް އިތުރު ކޮށްފައި ކަމަށެވެ.
އަދި ގްރޮސް އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި 12.19 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަމަށް އިނީޝަލް ޕްރޮޖެކްޝަންސްގެ ވާޝަން 1.1 ގައި ލަފާކުރުމަށްފަހު، ވާޝަން 1.2 ގައި އެ އަދަދު 16.55 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށް، އެންމެ ފަހުން ރިވައިޒްޑް ޕްރޮޖެކްޝަންސްގައި އެ ޢަދަދު 21.81 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިތުރުކުރި ކަމަށް ސަން އިން ބުންޏެވެ. ފައިދާވާނެކަން ދެއްކުމުގެ ގޮތުން 2011 އަދި 2012 ގެ ޕްރޮޖެކްޝަންތަކަށްވެސް މިފަދަ ބަދަލުތައް ގެނައި ކަމަށް ބަޔާނުގައި ވެއެވެ.
"މީގެ އިތުރުން ހިލްޓަންއަށް ނަތީޖާ ޙާޞިލް ނުކުރެވިއްޖެނަމަ އަމިއްލައަށް ކޮންޓްރެކްޓް ބާތިލުކުރުމަށް ހުށަހަޅާނެ ކަމަށްވެސް މަޝްވަރާގެ ތެރޭގައި ހިލްޓަންގެ ފަރާތުން ބުނެފައިވޭ. ހިލްޓަން އަކީ މަތީފަންތީގެ ރިސޯޓްތައް މެނޭޖްކުރާ ކުންފުންޏަކަށްވާތީ، ހިލްޓަންއިން ހުށަހެޅި ޕްރޮޖެކްޝަންތަކަށް އިތުބާރުކޮށް، ސަން އިން މެނޭޖްމަންޓް އެގްރީމަންޓުގައި ބައިވެރިވީ،" ސަންގެ ބަޔާނުގައި ބުންޏެވެ.
އެގްރިމޭންޓް ހެދީ މަކަރާއި ހީލަތުންކަން ޔަގީންވުން
މެނޭޖްމަންޓް އެގްރީމެންޓުގައި ސޮއިކުރުމަށްފަހު "ހިލްޓަން" ބްރޭންޑްގެ ދަށުން ރިސޯޓް ހިންގަން ފެށީ 2009 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ސަން އިން ބުނިގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ޖެހިގެން އައި 2010 ވަނަ އަހަރަށް ރިސޯޓުގެ ބަޖެޓް ހުށަހެޅި އިރު ހިލްޓަން އިން ކުރިން ހުށަހެޅި ޕްރޮޖެކްޝަންތަކުގައި ހުރި އަދަދުތަކަށްވުރެ މާ ބޮޑަށް ދަށްކޮށް ރިސޯޓަށް އާމްދަނީ ލިބޭނެކަމަށް ކުރު މުއްދަތެއްގެ ތެރޭގައި ލަފާކޮށްފައިވާތީ ކަމަށެވެ.
"އެގޮތުން ހިލްޓަން އިން އޮތީ އެވެރެޖް ރޫމް ރޭޓް 520 އެމެރިކާ ޑޮލަރުން، އޭގެ ގާތްގަނޑަކަށް %50 އާ ހަމައަށް ދަށްކޮށްފައި. އަދި ގްރޮސް އޮޕަރޭޓިން ޕްރޮފިޓުވެސް ހަމަ މި މޭރުމުން ދަށްކުރި. ހިލްޓަންގެ ޕްރޮޖެކްޝަންތަކަށް ވާސިލު ނުވެވުނުއިރު، ހިލްޓަން އިން ރިސޯޓު ހިންގުމަށްފަހު ހުށަހެޅި ބަޖަޓުގައި އަމިއްލައަށް ބަޔާންކޮށްފައިވާ އަދަދުތަކާ ގާތަށްވެސް ނަތީޖާ ހާސިލެއް ނުކުރެވުނު،" ބަޔާނުގައިވެއެވެ.
"ހިލްޓަން އިން ހުށަހެޅި ހިސާބުތައް ބަދަލު ކުރަމުން ދިއުމާއި، ހިލްޓަންއިން ހުށަހެޅި ޕްރޮޖެކްޝަންތަކާއި، އަމިއްލައަށް ތައްޔާރުކުރި ބަޖެޓްވެސް ޙާޞިލު ނުކުރެވި ދިއުމުން، ސަން އާއި ހިލްޓަންއާ ދެމެދު ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓުގައި ސަން ލައްވައި ސޮއިކުރުވާފައިވަނީ މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިންކަން ސަންއަށް ޔަޤީން ކުރެވުނު،" ބަޔާނުގައިވެއެވެ.
ރިސޯޓް ތަރައްގީކޮށް ހިންގަން ހިލްޓަންއިން ޑޮލަރެއް ވެސް ހަރަދެއް ނުކުރޭ
ސަން އިން ބުނީ ހިލްޓަން އިން ރިސޯޓު ހިންގުމުގެ ހުރިހާ ހައްޤުތައް ބޭނުންވާކަމަށްބުނެ އަމިއްލައަށް އިސްވެ ސަންއަށް ހުށަހެޅުމުން މެނޭޖްމަންޓް އެގްރީމަންޓުގެ ދަށުން ރިސޯޓު ހިންގުމަށް ޙަވާލުކުރީ، ހިންގުމުގެ ހުރިހާ ޚަރަދެއް ސަން އިން ކުރާގޮތަށް ކަމަށެވެ. އަދި ހިލްޓަން އިން ސަންއަށް ހުށަހެޅި ޕްރޮޕޯސަލްގައި ސަން އަށް ލިބޭނެ މަންފާކަމަށް ދައްކުވައިދީފައިވާ ފައިދާ ސަންއަށް ލިބޭނެކަމަށް ގަބޫލުކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހިލްޓަން އަކީ އިންވެސްޓަރެއް ނޫން. އިރުފުށި ރިސޯޓް ތަރައްޤީ ކުރުމަށް އަދި ހިންގުމަށް ހިލްޓަން އިން އެންމެ ޑޮލަރެއްވެސް ޚަރަދުކޮށްފައެއް ނޯންނާނެ. އެ ހުރިހާ ޚަރަދެއް ކުރީ ސަން އިން. ކުރުކޮށް ދަންނަވާނަމަ، ހިނގަހިނގާ އޮތް ރިސޯޓަކާ ހިލްޓަން އިން ޙަވާލުވީ ފުރިހަމަ ވަސީލަތްތަކާއި މުވައްޒަފުންނާއެކު، އެއްވެސް މާލީ ޒިންމާއެއް ހިލްޓަން އިން އުފުލަން ނުޖެހޭގޮތަށް،" ބަޔާނުގައިވެއެވެ.
ރިސޯޓް ހިންގީ ހަރަދު ބޮޑުކޮށް، މަކަރު ހަދައިގެން
ހިލްޓަންއާ ހަވާލުކޮށްގެން ސަންއިން އެ ރިސޯޓް ހިންގީ ތިން އަހަރެއްހާ ދުވަސް ވަންދެންނެވެ. ސަން އިން ބުނީ އެ މުއްދަތުގެ ތެރޭގައި ހިލްޓަންއިން ރިސޯޓް ހިންގަމުން ގެންދިޔައީ އިންތިހާއަށް ހިންގުމުގެ ޚަރަދު ބޮޑުކޮށް ކަމަށެވެ. އެގޮތުން ރިސޯޓަށް ބޭނުންވާ ސަޕްލައި ގަތުމުގައިވެސް މަކަރުހަދައި، އިސްރާފްކޮށް، ސަން އަށް ގެއްލުންވާގޮތަށް އެކަށީގެންނުވާ ބޮޑެތި އަގުތައް ޖަހައިގެން ކޮންސިއުމަބަލްސް ގަތުންފަދަ ކަންކަން ތަކުރާރުކޮށް ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ރިސޯޓަށް މުވައްޒަފުން ހޯދުމަށްޓަކައި މަސައްކަތްތެރިން ހޯދައިދޭ އޭޖެންސީތަކަށްވެސް މާކެޓު ރޭޓާ ނުބައްދަލު ބޮޑެތި އަދަދުތަކުން ހިލްޓަން އިން އަގު ދައްކާފައިވާކަމަށް ބެލެވޭ. އޮޅުވާލުމާއި، މަކަރާއި ހީލަތްހެދުން، އަދި ޕްރޮކިޔޯމަންޓުގެ ކަންކަންމުގައި ސަންގެ ފައިސާއިން މިފަދަ ބޮޑެތި "ވައްކަން" ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ފައިދާ ވަމުން ދިޔަ ރިސޯޓުން ގެއްލުންވާން ފެށި. އަދި ރިސޯޓުގެ އާބާތުރަ ފިލުވައި ޤަވާޢިދުން މަރާމާތު ކުރުމަށް މެނޭޖްމަންޓު އެގްރީމަންޓުގައި ހިލްޓަންއާ މަތިކޮށްފައިވާ ޒިންމާއަށް ކަނޑައެޅިގެން ޚިޔާނާތްތެރިވުމުގެ ސަބަބުން ރިސޯޓުގެ ވަސީލަތްތައް ހަލާކުވަމުން ދިޔަ. އަދި އެކަންކަން ރަނގަޅުކުރުމަށް ސަން އިންކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެގެން ދިޔަ،" ބަޔާނުގައި އިތުރަށް ތަފްސީލު ކޮށްދިނެވެ.
ބޮޑު ގެއްލުމެއް، އެގްރީމެންޓް ބާތިލް ކުރީ މަޖުބޫރުވެގެން
ސަން އިން ބުނިގޮތުގައި 2010 ވަނަ އަހަރު 21.80 މިލިއަން އެމެރިކާ ޑޮލަރު ފައިދާ ވާނެ ކަމަށް ހިލްޓަން އިން ހިސާބު ކުރިއިރު، 2011 ވަނަ އަހަރު 24.05 މިލިއަން އެމެރިކާ ޑޮލަރު، އަދި 2012 ވަނަ އަހަރު 28.46 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާ ލިބޭނެކަމަށް ހިލްޓަން އިން ހިސާބުކުރި ކަމަށެވެ. އެހެންނަމަވެސް، މި އަދަދުތަކާ ގާތަށްވެސް ހިލްޓަންއަށް ނަތީޖާ ނެރެވިފައި ނުވާ ކަމަށް ސަން އިން ބުންޏެވެ.
"އަދި އެމުއްދަތުގައި ރިސޯޓާ ގުޅިގެން ދައުލަތުގެ އިދާރާތަކާއި، މާލީ އިދާރާތަކަށް ދައްކަންޖެހުނު ފައިސާވެސް ދައްކަމުން ދިޔައީ ސަންއާ ގުޅުންހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައި. ހިލްޓަން އިން ހުށަހެޅި ބަޖެޓާ ގާތަށްވެސް އާމްދަނީ ނުލިބުމުން ސަންއަށް މަޖުބޫރުވީ ސަން އިން ނަގާފައިވާ ލޯނުތައްވެސް ރީޝެޑިއުލް ކުރުމަށް ލޯނު ދޫކުރި ފަރާތްތަކުގައި އެދެން. އަދި ލޯނުތައް ރީޝެޑިއުލް ކުރުމަށް ސަން އިން ޚަރަދުތަކެއް ކުރަންޖެހުންވީ ސަންއަށް ކުރިމަތިވި އިތުރު މާލީ ބުރައަކަށް. ސަން އަށް މާލީ ބޮޑު ބުރައެއް އުފުލަންޖެހި ގެއްލުން ވަމުން ދިޔައިރު، އެއްވެސް މިންވަރެއް އުނިކުރުމެއްނެތި ހިލްޓަން އިން ރިސޯޓުގެ މެނޭޖްމަންޓް ފީ ނަގަމުން ދިޔަ،" ބަޔާނުގައި ބުނެފައިވެއެވެ.
ސަންގެ ބަޔާނުގައި ބުނެފައިވާ ގޮތުން ހިލްޓަންއާއެކު ހަދާފައިވާ އެގްރީމެންޓް ބާތިލް ކުރަން މަޖުބޫރިވީ ހިލްޓަންއިން ރިސޯޓު ހިންގަމުން ދިޔަގޮތުން ސަން އަށް ގެއްލުން ވަމުން ދިއުމާއި، މެނޭޖްމަންޓް އެގްރީމެންޓާ ޚިލާފަށް ހިލްޓަން އިން ކުރަމުން ދިޔަ ކަންތައްތައް ހިލްޓަންގެ ސަމާލުކަމަށް ގެނައުމުންވެސް އިސްލާޙް ކޮށްފައި ނުވާތީއެވެ.
"ހިލްޓަންގެ މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ސަބަބުން އޭރު ސަން އޮތީ އާންމު ބަހުރުވައިން ދަންނަވާނަމަ ބޭންކްރަޕްޓްވެފައި. އާބިޓްރޭޝަންގެ ނިންމުމާއެކު، މީޑިއާއާއި ހިލްޓަންގެ ނުފޫޒުގެ ބޭނުންކޮށްގެން، އަދި އެކިއެކި ލޮބީ ގްރޫޕްތައް މެދުވެރިކޮށް ހިލްޓަންއިން ސަން އާމެދު ނުރަނގަޅު ތަސައްވުރެއް ފެތުރި. އެގޮތުން މީޑިއާގެ އެކި ޚަބަރުތަކުން ގިނަބަޔަކަށް ދޭހަވެފައިއޮތީ، ހިލްޓަންއިން އިންވެސްޓްކޮށް ރިސޯޓް ތަރައްޤީ ކުރުމުން ސަންއިން ހިލްޓަން އެ ރިސޯޓުން ބޭރުކޮށް އިންވެސްޓަރަށް މަކަރު ހެދީ ކަމަށް. އެހެންނަމަވެސް، ކަންވީ އެއާ ޚިލާފަށް." ސަން އިން ބުންޏެވެ.
"ޙަޤީޤަތަކީ ސައްތައިން ސައްތަ ސަން އިން ޚަރަދުކޮށް، ހިލްޓަން އިން އުންމީދުކޮށްގެން ތިބި ވަރަށްވުރެވެސް މަތީ ފެންވަރަކަށް ތަރައްޤީ ކޮށްފައިވާ ރިސޯޓެއް ހިލްޓަންއިން ހިންގަން ބޭނުންވެގެން އަމިއްލައަށް އެދިގެން ޙަވާލުވެ، ރިސޯޓު ހޯދުމުގެ ގޮތުން ހިލްޓަން އިން ހާސިލުކުރާނެކަމަށް ވަޢުދުވި ޢަދަދުތައް ހިލްޓަންއަށް ޙާސިލު ނުކުރެވުން."
ހިލްޓަންގެ ކިބައިން ރިސޯޓުގެ މެނޭޖްމަންޓް އަނބުރާ ލިބިގަތުމާއި، މެނޭޖްމަންޓް އެގްރީމަންޓު ބާޠިލު ކުރުމަށް ނިންމި ނިންމުމަކީ ބޭންކްރަޕްޓްވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު ކަމެއް ކަމަށް ސަން އިން ބުންޏެވެ. އެއީ ސަންގެ މަޞްލަޙަތު ރައްކާތެރިކޮށް، ކުންފުނީގެ ތަޞައްވުރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ނުންޏެވެ.
ސަން އިން އިތުރަށް ބުނީ ހިލްޓަންގެ މަކަރާއި، ހީލަތާއި، އޮޅުވާލުން، އަދި ރިސޯޓު ހިންގުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެކަމަށްޓަކައި ކުންފުނިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ޤާނޫނީ ފަރުވާތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާން ނިންމާލަމުން ސަން އިން ބުންޏެވެ.