އަބްދުއްރަހީމް، ޔާމީނަށް: ޕީއެންސީން ކެންޑިޑޭޓެއް ދައްކަން އެންގެވީ އިޚުލާސްތެރިކަމެއް ނެތި

އަދުރޭ ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވީ އިހުލާސްތެރި ނިޔަތެއްގައި ނޫން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް، ޕީއެންސީން ވާދަކުރަން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދެއްވި ކަމަށް ވިދާޅުވެ އެ ކޯލިޝަންގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ރައްދު ދެއްވައިފިއެވެ.

ޔާމީން އުފައްދަވަން މަސައްކަތްކުރައްވާ ޕީއެންއެފްގެ ޖަލްސާގައި ރޭ އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ އާންމު ރައްޔިތުން މަގުމަތި ކުރަން އެ މަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރުމުގެ ދެތިން ދުވަސް ކުރިން ޕީޕީއެމް ޕީއެންސީގެ ފަރާތުން ކެންޑިޑޭޓަކު ހުރީ ދައްކާފައި ކަމަށާއި އެ ކެންޑިޑޭޓުގެ ފޯމް ހުށަހެޅުން އަވަސްކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިންތިޚާބު ބޮއިކޮޓް ކުރުމާ ގުޅޭ ގޮތުން ފޮނުވި ނޯޓަކީ ޚިޔާލު ހޯއްދެވުމަށް ފޮނުއްވި ނޯޓެއް ކަމަށާއި އެ ޚިޔާލަށް އެއްސެވީ، ލީޑާޝިޕްގެ ބޭފުޅުން އިންތިޚާބު ބޮއިކޮޓް ކުރާނެ ކަމަށް އޭގެ ކުރިން ތަކުރާރުކޮށް ވިދާޅުވުމުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް މިއަދު އެކްސްގައި ވިދާޅުވީ ޔާމީން ސޮއި ކުރައްވައި، އެ މަނިކުފާނުގެ ގާނޫނީ ޓީމު މެދުވެރިކޮށް އިންތިޚާބު ބޮއިކޮޓް ކުރަން އެންގެވީ މިދިޔަ އަހަރުގެ އޮގަސްޓު ހަޔެއްގައި ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން ހުކުމް އިއްވި ދުވަސްކަމަށްވާއިރު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅީ ޖެހިގެން އައި ދުވަހުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ދައްކަން ޔާމީން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ، ސުޕްރީމް ކޯޓްގެ ޙުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީއިން ރިޔާސީ އިންތިޚާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ އަބްދުއްރަހީމް ސުވާލުކުރެއްވިއެވެ. އަދި ޕީޕީއެމްއަށް ދިރުން ލިބެން ބޭނުންވި ނަމަ، ވަގުތު އޮއްވައި ޕީޕީއެމްއިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ ވެސް ސުވާލުކުރެއްވިއެވެ.

"މި ހަގީގަތްތައް މިހެން ހުރީމަ މަގުމަތިކުރަން އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވައި ދިނުމަށްޓަކައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވުނީ ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމާ އެކުގައެވެ.

ޑިސެމްބަރު 25، 2022ގައި އެ މަނިކުފާނަށް ކުރި ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލުނެވެ. އެހެންވެ، ޔާމީންގެ ތާއިދާއެކު ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒެވެ.

އެ މަނިކުފާނު އިންތިޚާބުވުމާއެކު ޔާމީން ޖަލުން ގެކޮޅަށް ބަދަލުކޮށްދެއްވިއެވެ.

ނަމަވެސް ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން އެ ކޯލިޝަނުން ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

އޭގެ ފަހުން ޔާމީނާއި އެ މަނިކުފާނަށް ތާއިދު ކުރާ މީހުން ވެރިކަން ކުރާ ޕާޓީތަކަށް ފާޑުވިދާޅުވާއިރު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވެސް އެ މަނިކުފާނަށް ފާޑު ކިޔުން އަމާޒުކުރެއެވެ.

comment ކޮމެންޓް