ފަލަސްތީނު އޮތޯރިޓީން ޣައްޒާއަށް ވައްދާ އެހީގެ ޓްރަކްތައް ފާސްކުރާ ކަމުގެ ތުހުމަތު

ޣަައްޒާއަށް ވައްދާ އެހީގެ ޓްރަކްތަކެއް، ފޮޓޯ/އިންގްލިޝް އަރަބިޔާ

ފަލަސްތީނު އޮތޯރިޓީ (ޕީއޭ)އިން ޣައްޒާއަށް ވައްދާ އެހީގެ ޓްރަކްތައް ބަލައި ފާސްކުރާ ކަމުގެ ތުހުމަތު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ކޮށްފިއެވެ.

ހަމާސްގެ އިންޓީރިއާ މިނިސްޓްރީން ބުނީ އެހީގެ ޓްރަކްތައް ބަލައި ފާސްކުރާ ޓީމުގެ އިސްވެރިއަކީ ޕީއޭގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ މަޖީދު ފަރާޖް ކަމަށެވެ. އެގޮތުން މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު، ރަފަހް ހުރަސްކޮށް ދިޔަ އެހީގެ ޓްރަކަކާއެކު ތިބި އެ ޓީމުގެ ހަ މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެމީހުން އެކަން ކުރަނީ އިސްރާއީލާ ގުޅިގެން ކަމަށްވެސް ހަމާސްއިން ބުނެއެވެ.

ނަމަވެސް ޕީއޭއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޕީއޭގެ ސަލާމަތީ ބާރުތަކާ އެކު ހިނގި ދާޚިލީ ހަނގުރާމައަކަށްފަހު، ހަމާސްއިން ޣައްޒާގެ ވެރިކަމަށް އައީ 2007 ވަނަ އަހަރުއެވެ. އޭގެކުރިން ޣައްޒާގެ ވެރިކަން ކުރަމުން އައި ޕީއޭއިންނެވެ. ޕީއޭ އަކީ މިހާރު ހުޅަނގު އައްސޭރީގެ ބައެއްގައި ވެރިކަން ކުރާ އޮތޯރިޓީއެވެ.

comment ކޮމެންޓް