ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ އިތުރު މަގެއް ހުޅުވުމަށް އިސްރާއީލުން ހުއްދަދީފި

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކާބޯތަކެތި ހިމެނޭހެން އެންމެ ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއްވެސް ޣައްޒާގެ އާންމުންނަކަށް ނެތް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް، ޣައްޒާގެ އުތުރުން އިސްރާއީލާ ދެމެދު އޮންނަ ސަރަހައްދީ ރޮނގު ކަމަށްވާ އެރެޒް ހުޅުވުމުގެ ހުއްދަ އިސްރާއީލު އަސްކަރިއްޔާގެ ކެބިނެޓުންދީފިއެވެ.

މިއީ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން އެރެޒް ހުޅުވާ ފުރަތަމަ ފަހަރެވެ.

އިސްރާއީލުގެ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދު ހުޅުވަނީ ޣައްޒާގެ އުތުރަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ޣައްޒާއަށް އިތުރު އެހީ ފޯރުކޮށްދިނުމުގެ ގޮތުން އިސްރާއީލުގެ އަސްދޫދު ބަނދަރު ބޭނުންކުރުމަށް ވެސް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް އެ މަގު މެދުވެރިކޮށް އެހީ ފޯރުކޮށްދޭނީ ކިހިނެއް ކަމެއް ސާފެއްނުވެއެވެ. ޣައްޒާއަށް މިހާތަނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައިވީ ނަމަވެސް އާބާދީއާ އެކަށީގެންވާ ވަރަކަށް އެހީ ފޯރުކޮށްނުދެއެވެ.

އެރެޒް ސަރަހައްދީ ރޮނގު އަލުން ހުޅުވަން ހުއްދަ ދިނުމާ ގުޅިގެން އދ.އިން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

ޣައްޒާގެ އާންމުންނަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އަންރުވާ)ގެ މަސައްކަތްތަކަށް އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ހުރަސް އަޅައިފައެވެ. ޚާއްސަކޮށް ބަނޑުހައިހޫނުކަން އެންމެ ބޮޑަށް ކުރިމަތިވެފައިއޮތް ޣައްޒާގެ އުތުރަށް އެހީ ފޯރުކޮށްދިނުން އިސްރާއީލުން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ޣައްޒާގެ 2.2 މިލިއަން މީހުންނަށް ބޭނުންވާ ކާނާ ނުލިބި، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުން ކަމަށް، އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ) އިން ލަފާކުރެއެވެ.

comment ކޮމެންޓް