އެމް-ފައިސާއިން ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި

އުރީދޫގެ ސީއީއޯ ޚާލިދް އަލް- ހަމާދީ އާއި ދެކުނު އޭޝިއާގެ މަނީގްރާމް ރީޖަނަލް ހެޑް ނަވީދު އަޝްރަފު--- ފޮޓޯ: އުރީދޫ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ މަނީގްރާމްއާއި އުރީދޫގެ އެމް-ފައިސާގެ ޕާޓްނާޝިޕެއްގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވޭނެ ޚިދުމަތް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނީ މި ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމަށް މަގުފަހިވާނެ ކަމަށެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ ކޮންމެ މީހަކަށްވެސް ބޭންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެއެވެ. ނަމަވެސް އެއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ފަރާތް އުޅޭ ގައުމުން އެ ޚިދުމަތް ލިބޭ ނަމައެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޚާލިދް އަލް-ހަމާދީ ވިދާޅުވީ އެއީ ގިނަ ބަޔަކަށް ފަސޭހަތަކެއް ފޯރުކޮށްދޭނެ ޚިދުމަތެއް ކަމަށެވެ.

"އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އަދި މަނީގްރާމްއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ރާއްޖޭގައި މިއަދު މިފެށުނީ. ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް،" އޭނާ ވިދާޅުވިއެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެކަމަށާއި، މި ޚިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ރަގަޅަށް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަދި މި ޚިދުމަތްތަކަކީ އެންމެންނަށް ފަސޭހަކަމާއެކު ލިބޭ ޚިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫއިން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ މަނީގްރާމްއަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މަނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

"އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމާއެކު ދިވެހިރާއްޖެއިން ފައިސާ ފޮނުވުމުގެ ޚިދުމަތް ފަހިވެގެން މިދިޔައީއެވެ. ހަމަ މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެންދިޔައީ،" ދެކުނު އޭޝިއާގެ މަނީގްރާމް ރީޖަނަލް ހެޑް, ނަވީދު އަޝްރަފު ވިދާޅުވިއެވެ.

އުރީދޫއަށް ލައިސަންސް ލިބުމާއެކު، އިންޓަނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް، އެމް-ފައިސާގެ ޚިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އުރީދޫއިން މައުލޫމާތު ދިނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް