އުރީދޫ މަސް ރޭސް 3 ރަށެއްގައި، ޖުމްލަ އެއް ލައްކަ ރުފިޔާގެ އިނާމު

މި އަހަރުގެ އުރީދޫ މަސް ރޭސް ރާއްޖޭގެ ތިން ރަށެއްގައި ބާއްވަނީ--ފޮޓޯ: އުރީދޫ

ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުން އަންނަ މަސްރޭސް މިއަހަރު ރާއްޖޭގެ ތިން ރަށެއްގައި ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫއިން ބުނީ އެކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަންނަ އޯގަސްޓް މަހު އޮންނަ މުބާރާތް ވާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ.

މި އަހަރުގެ މަސްރޭސް ބާއްވާނީ ކ. ހިންމަފުއްޓާއި ޅ. ނައިފަރާއި ގދ. ތިނަދޫ ސިޓީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދު ހިންމަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫއިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މިއަހަރުގެ މަސްރޭސް އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސް ރޭހަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ބައިވެރިވުމަށް އެދެވޭނެ ކަމަށާއި އަންނަ ބުދަ ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އެކުންފުނިން ބުނީ ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 - 12 މެމްބަރުން ތިބެންވާނެ ކަމަށެވެ.

އުރީދޫއިން ބުނީ މަސްރޭހުގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމަށް ވާދަކުރެވޭނެ ކަމަށާއި 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މަސްރޭހުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން މަސްވެރިޔާ: 1000 ރުފިޔާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަހަރު ވެސް މަސް ރޭސް ބާއްވާނެ ކަމަށެވެ.

އުރީދޫގެ މަސް ރޭހާ ގުޅޭ ގޮތުން މައުލޫމާތު ދިނުން: މިއަހަރު މަސް ރޭސް ބާއްވަނީ ތިން ސަރަހައްދެއްގައި --ފޮޓޯ: އުރީދޫ

"މިއަހަރުގެ މަސް ރޭސް އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު، ވިދާޅުވީ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސްގެ ޕާޓްނަރަކަށް ވުމަކީ މިނިސްޓްރީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެެއިތުރުން އުރީދޫގެ އަމާޒަކީ އާދަކާދަތައް ދަމަހައްޓަން މުޖުތަމަޢުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އޭނާ ވިދާޅުވިއެވެ.

އުރީދޫގެ މިއަހަރުގެ މަސްރޭސް ހިންމަފުށީގައި ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހު ނުވަ ވަނަދުވަހެވެ. ތިނަދޫ ސިޓީގައި މަސްރޭސް މިއަންނަ މަހުގެ 16 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ނައިފަރުގައި ފަށާނީ އަންމަ މަހުގެ 23 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް