ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ތަގުވާ މިސްކިތުން ފަންކާތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރި ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންނާ ހިއްސާކޮށް، ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައެވެ.

އެ ވީޑިއޯ ހިއްސާކޮށް ސިޓީ ކައުންސިލުން ބުނީ، ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައި ވާކަމަށެވެ.

މި ރަމަޟާން މަސް ފެށުމާއެކު މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ދަރުމަވަންތަ މިސްކިތުން ފެން މޯޓަރެއް ވެސް ވަނީ ވަގަށް ނަގާފައެވެ. އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާއެއް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ވަގަށް ނަގައިފައެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް