ވެމްކޯއިން އުކާލާ ކުންޏަށް ޓަނަކަށް 750 ރުފިޔާގެ މަގުން ނަގަމުން އައި ފީ، 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިއުލާން ކުރެއްވީ މިރޭ އޮތް ދާންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އާންމު ފަރާތްތަކުގެ އަތުން އެއް ޓަނު ކުންޏަށް 1600 ރުފިޔާގެ މަގުން ފީއެއް ނަގަމުންދަނިކޮށް، އެ އަގު 750އަށް ބަދަލުކުރީ މި ސަރުކާރުގައި، ފެބްރުއަރީ 24ގައެވެ.
މި ކަމާ ގުޅިގެން މިރޭ ރައީސް ވިދާޅުވީ ކުދިކުދި ޕިކަޕުތަކުގައި ޓަނަކަށް 750 ރުފިޔާގެ ފީއެއް ދެއްކުން ވެސް އާންމު ރައްޔިތުންނަށް ދަތިވާ ކަމަށާއި، ކުނި އުކާލުން އެޔަށްވުރެން ވެސް ފަސޭހަވުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"އަޅުގަނޑު މިހާރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރާ ވެސް އަދި ކަމާބެހޭ ވަޒީރުންނާ ވެސް މަޝްވަރާކޮށްފައި އޮންނާނީ. އެހެންވެ އިރާދަކުރެއްވިއްޔާ ޓަނަކަށް ނަގާ 750 ރުފިޔާ 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވިީ ކުނި ނެގުމަށް އާންމުންގެ އަތުން ނަގާ ފީ ކުޑަކުރުމަށް ނިންމިކަން އެ މަނިކުފާނު އިއުލާން ކުރެއްވި ނަމަވެސް، މާ ލަސްތަކެއްނުވެ ވެމްކޯގެ ފަރާތުން ރަސްމީކޮށް އެކަން އިއުލާންކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ވެމްކޯ އޮތީ ވަރަށް ހާލުގައެވެ. އެހެން ނަމަވެސް ސަރުކާރުގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ވެމްކޯ ވެސް ހަރުދަނާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު ވެސް ސަރުކާރުން ބަލަނީ ރައްޔިތުންނަށް އިތުރު ލުއިތައް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ވެމްކޯއިން އާންމު ރައްޔިތުންގެ އަތުން ކުންޏަށް ނަގާ ފީ ކުޑަކުރީ، ފުރަމާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ޚިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގާ ގޮތަށެވެ.
އެހެންނަމަވެސް ވެއި ބްރިޖު ނެތް ފެސިލިޓީތަކުން އާންމުންގެ އަތުން ނަގާނީ ޓަނަކަށް 750 ރުފިޔާކަމަށް ވެމްކޯއިން އޭރު ބުންޏެވެ.