އެއާޕޯޓުގެ މައްސަލައިގައި ފ. މަގޫދޫ ރައްޔިތުން ކޮންމެ ރެޔަކު މުޒާހަރާ ކުރަން ނިންމައިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު "ސަން"އަށް ވިދާޅުވީ މިހާރު އޮތީ މުޒާހަރާ ސިލްސިލާކޮށް ކުރިއަށް ގެންދާގޮތަށް ނިންމައިފައި ކަމަށެވެ.
އޭނާ ވިދާޅުވީ މަގޫދޫ އެއާޕޯޓަކީ މަގޫދޫ ރައްޔިތުންނާ ގުޅުންހުރ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އެހެންވެ މި މަސައްކަތް ހުއްޓިފައި އޮތް އޮތުން އެއީ އެ ރަށުގެ ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"ޚާއްސަކޮށް ދިވެހި ދައުލަތުން މިހާ ބޮޑު ޚަރަދެއް ކޮށްގެން ފަށައިފައިވާ މަޝްރޫއެއް. އަދި މި ކަހަލަ ބޭކާރު އިސްރާފެއް ކުރަން މަގޫދު ރައްޔިތުން ބޭނުން ނުވާތީ. އެއީ މި މުޒާހަރާގެ މައިގަނޑު ސަބަބަކީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މުޒާހަރާ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސުލްހަވެރިކޮށް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަޑު އުފުލަން ކުރިއަށް ގެންދާ ހަރަކާތެއްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
"އިތުރު އެހެން އެއްވެސް ކަމެއް އޭގަ ނެތް. ހަމަ ރައްޔިތުންގެ ބަސް އިއްވުން ސުލްހަވެރި ކަމާއެކުގައޮި. އަޅުގަނޑުމެންނަކީ ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރަން ބޭނުންވާ ރައްޔިތެއް ދިރިއުޅޭ ރަށެއް ނޫން،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
އަދި މިއީ އެއްވެސް ހާލެއްގައި ސަރުކާރަށް ދެކޮޅުވެރިވެ ނަފްރަތުކުރުމަށް ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ބުނެ އެ ރަށު ކައުންސިލުން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް އެމްޓީސީސީން ބުނީ އަދި މި މަސައްކަތް ހުއްޓައިނުލާ ކަމަށެވެ. އަދި އެއްވެސް ރަސްމީ އިދާރާއަކުން ވެސް އެ މަސައްކަތް ހުއްޓައިލަން ނާނގާ ކަމަށާއި، މިހާރު އެ އެއާޕޯޓުގައި ކުރެވެމުންދަނީ ރިވެޓުމެންޓުގެ މަސައްކަތްކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.