ހައްވަގެ ކޭކުތަކުގެ ރަހަ މީރުކޮށްދިނީ ގަދަ އަޒުމާއި ހިތްވަރު

ހައްވާ މުނާ ވަހީދު (ހައްވަ)--

މީގެ ތިން އަހަރު ކުރިން ކޭކު އެޅުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. އެކަމަށް އޮތީ ހަމައެކަނި ޝައުގެކެވެ. އެކަމަށް ޖެހިފައި އޮތް ލޯތްބާއެކު, އެކަން ދަސްކުރަން އޭނާގެ ހިތުގައި އުމުރުން އެންމެ 16 އަހަރުގައި އަޒުމު ކަނޑައެޅިއެވެ. ކުރިއަށް ދާން އޮތް މަގުގައި އަތުގައި ހިފާނެ މީހަކު ނެތް ނަމަވެސް ބޭނުންވީ އެކަމުން ކުރިއަށް ދާށެވެ.

އުމުރުން 23 އަހަރުގެ ހައްވާ މުނާ ވަހީދު (ހައްވަ) އޭނާގެ ކޭކު ވިޔަފާރި ނަގާ ކޮޅަށް ޖެހި ގޮތުގެ މި ވާހަކަ އެތައް ގޮތަކުން ތަފާތެވެ.

ހޮސްޕިޓާލިޓީގެ ދާއިރާއިން ދަސްވެނިވެފައިވާ ހައްވަގެ ފުލް ޓައިމް މަސައްކަތަކީވެސް މިހާރު އެ ވިޔަފާރިއެވެ. ނަމަވެސް, އޭނާ މި ހިސާބަށް ދަތުރުކުރީ ގަދަ ހިތްވަރާއެކު ނޫނީ ހުރަސް ނުކުރެވޭނެ ވަރުގެ އުނދަގޫ މަގުތަކެއް ހުރަސްކޮށްފައެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް--

ހައްވަ އަކީ އަބަދުވެސް ކެއްކުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ސްކޫލު ނިމުނީއްސުރެ ފެށިގެން އަބަދު ވެސް ތަފާތު އެއްޗެހި ކައްކަން އޭނާ މަސައްކަތް ކުރެއެވެ. ތަފާތު އެކިގޮތްގޮތަށް ކޭކު އަޅަން މަސައްކަތްކޮށް ފަރިތަ ކުރަން ފެށީ ވެސް އޭރުގައެވެ.

"މަންމަ ރުޅި ވެސް އަންނާނެ ގޮދަންފުށް ވޭސްޓު ކުރާތީ ކޭކު އަޅަން، ދެން އަބަދުވެސް ފެއިލް ވާތީ," ހައްވަ ކިޔައިދިނެވެ.

ނަމަވެސް, އޭނާ ކޭކު އެޅުމަށް އެ ހުންނަ ޝައުގަކަށް, އަދި އެކަން ދަސްކުރުމަށް އޮތް އަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް--

ކޮވިޑުގެ ދުވަސްވަރު އެހެން މީހުން ގޭގައި ރެސްޓު ކުރި އިރަކީ ހައްވަ ކުރި މަސައްކަތް މެކުހަށް ޖަހާލި ދަނޑިވަޅަށެވެ. އެ ދުވަސްވަރު ހޭވައްޓާލައިފައި އޭނާ އެކަނިމާއެކަނި ކުރި މަސައްކަތަކީ ކޭކު އެޅުން 'ޕާފެކްޓު' ކުރެވޭތޯ ބެލުމެވެ. އަމިއްލައަށް ވިޑިއޯ ބަލާ ބޭރުގެ ތަފާތު ބޭކަރުން އަޅާ ކޭކުތަށް ބަލައި އެ ގޮތްގޮތަށް ކޭކު އެޅުމަށް އޭނާ ތަފާތު އެކްސްޕެރިމެންޓުތައް ކުރިއެވެ.

އެންމެ ފުރަތަމަ އެ މަސައްކަތް ފެށި އިރު ހައްވަ މި މަސައްކަތަކަށް އެހާ ފަރިތައެއް ނޫނެވެ. ކޭކުގައި ލިޔާ އިރުވެސް އޭރު އޭނާއަށް ރީތިކޮށް ލިޔެވެނީ ވަރަށް ގިނަ ފަހަރުންނެވެ.

ހައްވަ އަޅައިފައި އޮތް ކޭކެއް--

"އެންމެ ފުރަތަމަ އެޅީ ކޭކުތައް ހަމަ ހަރު ދަގަނޑުހެން ހުރީ," އޭނާ ކިޔައިދިނެވެ.

ނަމަވެސް, އެކަންކަމަށް ފަރިތަވެ ނިމުނު އިރު ހައްވައަށް ދަސްވި ކަމަކީ, މިއީ ހިތްވަރެއް ހުރިއްޔާ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމެވެ.

"ހަމަ ވަރަށް ފެއިލް ވެގެން މި ހިސާބަށް އައިސްފަ މިހުރީ. އަދިވެސް ހަމަ ކޮންމެ ދުވަހަކީވެސް އަޅުގަނޑަށް ލާނިން އެކްސްޕީރިއެންސެއް. އިފް ޔޫ ހޭވްދަ ޑެޑިކޭޝަން އެންޑް އިފްޔޫ އާ ޕެޝަނޭޓް އިނަފް ޔޫ ކޭން ޑޫއިޓް," ހައްވަ ކިޔައިދިނެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް--

ހައްވަގެ ބުރަ މަސައްކަތުގެ ފޮނިކަން އޭނާއަށް ހާސިލުވާން އަހަރެއްހާ ދުވަސް ނެގިއެވެ. އެހާއިރު, އޭނާ އަކީ ކޭކު އެޅުމުގެ ހުނަރު ދަސްވެ, މަސައްކަތަށް ފައްކާވެފައިވާ މީހަކަށް ވެއްޖެއެވެ. ދެން އޭނާ ވިސްނީ އެ މަސައްކަތުން އާމްދަނީ އެއް ހޯދިދާނެ ގޮތަކާ މެދުގައެވެ.

އޭނާގެ ކޭކުތައް ވިއްކާ އިންސްޓަގްރާމް ޕޭޖް, "މޯޗީކޭކީ" ވުޖޫދަށް އައި ހިސާބަކީ އެއީ އެވެ. އެ ވިޔަފާރި ފަށާ, އެންމެ ފުރަތަމަ ކޭކު ވިއްކަން ފެށިއިރު މިއީ މާބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމުގައި އޭނާ ހިއެއް ނުކުރެއެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް--

އެއީ ވެސް ހަމަ މިފަދަ ރޯދަމަހެކެވެ. އެ ދުވަސްވަރު ހައްވަގެ އާދައަކީ ކޮންމެ ދުވަހަކު, ފަތިސް ނަމާދަށް ފަހު އެންމެން ނިދާ ވަގުތު ކޭކު ޑެކަރޭޓު ކުރަން ހުރުމެވެ. އޭނާ ބުނާ ގޮތުގައި ގިނަ މީހުން ކައިރީ އުޅެންޏާ ކުރާކަމަކަށް ފޯކަސް ކުރުމަކީ އޭނާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

އޭރު އޭނާ ޒިންމާދާރު ވަޒީފާއެއްގައި ވެސް އުޅެއެވެ. އެހެންކަމުން, މިފަދައިން މަސައްކަތް ކުރުމަކީ އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް މާ ރަނގަޅު ކަމަކަށް ނުވިއެވެ. ކޭކު އެޅުން ހުއްޓާލަން ބޭނުންވި ކިތަންމެ ފަހަރެއް އައެވެ. އެހެން ނަމަވެސް އޭރު ވެސް ހުއްޓާ ނުލެވުނީ ހަމަ ކަމަށް ހިތުގައި އުފެދިފައި ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.

ވަޒީފާ ނިންމައިފައި އައިސް އެ ވަރުބަލިކަން މަތީގައި ވެސް އެ މަސައްކަތް ކުރީ ހަމަ ހިތުގައި އެކަމަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ.

އެ ޖޯޝުގައި ކުރި މަސައްކަތުން, މިއަދު އޭނާއަށް އާދެވިފައި ހުރި ހިސާބު އޭނާ ކިޔައިދިނީ އަމިއްލަ ނަފްސާ މެދު އިންތިހާއަށް ފަޚުރުވެރިވެ ހުރެއެވެ.

ހައްވަ އަޅައިފައި އޮތް ކޭކެއް--

"އޭރުގައި ހިތަކަށްވެސް ނާރާ މިހާ ކުރިއެރުން ލިބޭނެއެކޭ. އެކަމު އަލްހަމްދުލިﷲ ވަރަށް ރަނގަޅަށް ދަނީ," މިހާރު އޭނާގެ ވިޔަފާރި ކުރިއަރައިފައިވާ މިންވަރު ކިޔައިދެމުން އޭނާ ބުންޏެވެ.

ވިޔަފާރި ކުރިއަރައިގެން ގޮސް އެކަށީގެންވާ ވަރަށް އާމްދަނީ ލިބެން ފެށުމުން ހައްވަ ނިންމީ އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލައި ކޭކު އެޅުމަށް އެއްކޮށް ހުސްވާށެވެ. އެހެންވެ, މިދިޔަ އަހަރު ތެރޭ އޭނާގެ އޮފީސް ވަޒީފާ ދޫކޮށްލިއެވެ.

"ނައު އައި އޭމް ހަމަ ފުލީ ފޯކަސްޑް އޮން ބޭކިން" ހައްވަ ކިޔައިދިނެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް--

އާންމުކޮށް ރާއްޖޭގެ ފިހާރަތަކުންނާއި ސޯޝަލް މީޑިއާ ޕޭޖުތަކުން ވިއްކާ ކޭކުތަކާއި އަޅައިި ބަލާއިރު، ހައްވަގެ މޯޗީކޭކީ އިން ވިއްކާ ކޭކުތަށް ތަފާތެވެ. އޭނާގެ ވިޔަފާރި އެހާ ކުޑަ މުއްދަތެއްގެ ތެރޭ ކުރިއަރައިގެން ދިއުމުގެ އެއް ސަބަބަކީ ވެސް އެއީއެވެ. އެ ޕޭޖު މަޝްހޫރުވެފައި ވަނީ "ކިއުޓް ކޭކްސް" ނުވަތަ "ޕިންޓްރެސްޓް ކޭކްސް" ވިއްކާ ޕޭޖެއްގެ ގޮތުގައެވެ. ހައްވަގެ މި ތަފާތު ކޭކުތައް މިހާރުގެ ޒުވާން ކުދިންނަށް ވަރަށް ކަމުދެއެވެ.

ހައްވަގެ މި ތަފާތު ކޭކުތަކުގެ އިންސްޕިރޭޝަން އެކި ތަންތަނުން ހޯދައެވެ. ބައެއްފަހަރު ޕިންޓްރެސްޓުންވެސް އައިޑިއާތަށް ބަލައެވެ. އަނެއްބައި ފަހަރު ބޭރުގެ ކޭކުއަޅާ މީހުންގެ ކޭކުތަކުން ވެސް އޭނާ އައިޑިއާ ހޯދައެވެ. ނަމަވެސް ސީދާ ކޭކު ހުންނަ ގޮތަށް ކޮޕީ ކުރުމުގެ ބަދަލުގައި އޭނާ ބަލަނީ މޮޅު ގޮތަކަށް، ރީތި ގޮތަކަށް މޮޑިފައި ކޮށްލައިފައި ކޭކު އެޅޭތޯއެވެ.

ހައްވަ އަޅައިފައި އޮތް ކޭކެއް--

"ކޮޕީ ކުރިއަސް ހަމަ ކުރެޑިޓު ދެން،" ހައްވަ ކިޔައިދިނެވެ.

ހައްވަ ކިޔައިދިން ގޮތުގައި މިހާރު އެންމެ ހިނގަނީ އެހާ ފޮނި ގަދަ ނޫން ކޭކެވެ. އެގޮތުން ސްވިސް މެރިންގް ފްރޮސްޓިން ގިނަ ބަޔަކު ޚިޔާރު ކުރެއެވެ. މިއީ ހުރިހާ ރަހައެއް ހެޔޮވަރު, އެހާ ފޮނި ގަދަ ނޫން ފްރޮސްޓިންއެކެވެ. އަދި ހުރިހާ ފްލޭވާ އަކާ އެއްކޮށްވެސް މި ފްރޮސްޓިން ކަމުދެއެވެ.

ހައްވަ އެންމެ އަޅާ ހިއްވަނީ އޭންޖަލް ފްލޭވާގެ ކޭކެވެ. ވިޕް ކްރީމްގެ ފްރޯސްޓިން ބޭސް އެއް ހަދަންޖެހޭތީ އެ ކޭކު އެޅުމަކީ ހައްވައަށް 'ޗެލެންޖިން' ކަމެކެވެ. ނަމަވެސް, އޭނާ ބުނާގޮތުން އެ ކޭކު ވައްޓާލެވޭނެ އެފަދަ ދެވަނައެއް ހަމަ ނެތެވެ.

"އެއީ ހަމަ ފެމިލީ ފޭވަރިޓެއް," ހައްވަ ކިޔައިދިނެވެ.

ހައްވަގެ ކުރިމަގުގެ ހުރިހާ އުންމީދެއް ވެސް މިހާރު ގުޅިފައިވަނީ މި ވިޔަފާރިއާއެވެ. އޭނާ އަދިވެސް ބޭނުންވަނީ މި ވިޔަފާރި މިހާރަށް ވުރެ އެތައް ގުނައަކަށް ފުޅާކުރާށެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް--

"ބޭނުންވަނީ ވަރަށް ފުޅާ ދާއިރާއެއްގަ މިކަން ކުރިއަށް ގެންދަން އެކަމަކު ހަމަ 'ބިހައިންޑް ދަ ސީން' ގަ ހުރެގެން. ޕޭޖު މެދުވެރިކޮށް، އެއީ އަޅުގަނޑަކީ ވަރަށް ބޮޑު އިންޓްރޮވާޓެއް އެހެންވެ," ހިނިއައިސްފައިހުރެ ހައްވަ ކިޔައިދިނެވެ.

ހައްވަ މިހާރު އެންމެ އުންމީދު ކުރަނީ ބޮޑު ތަނެއް ނަގައިގެން މި ވިޔަފާރި ފުޅާ ކުރެވޭނެ ދުވަހަކަށެވެ. މިހާރު ކުޑަ ތަންކޮޅެއްގައި މަސައްކަތް ކުރާތީ ނަގަން ބޭނުންވާ ވަރަކަށް ގިނަ އޯޑަރު ތަކެއް ހައްވަ އަކަށް ނުނެގެއެވެ.

އެ ވިޔަފާރީގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސިއްރަކީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ދިނުމަށް ހައްވަ ދޭ އަހަންމިއްޔަތެވެ.

ހައްވަ އަޅައިފައި އޮތް ކޭކެއް---

އޯޑަރު ދިނުމުން ކަސްޓަމަރު ބޭނުންވަނީ ކޮން ޑިޒައިނެއްގެ، ކޮން ފްލޭވާއެއްގެ ކޮން ކަހަލަ ކޭކެއްތޯ ބަލާ އެކަން ޔަގީން ކުރުމަކީ އޭނާ ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެކެވެ.

"ވަރަށް ބަލަން، ހަމަ ޔަގީން ކުރަން ކަސްޓަމާ ސެޓިސްފައިޑް ލެވެލްއަށް ކޭކު ހެދޭތޯ" ހައްވަ ކިޔައިދިނެވެ.

މިއަދު ދިވެހިންގެ ތެރޭގައި އެންމެ ހިނގާ ކޭކު ޝޮޕްތަކުގެ ތެރޭގައި އޭނާގެ ކުޑަ ވިޔަފާރި ހިމެނެއެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖު ދެހާހަށް ވުރެ ގިނަ މީހުން މިހާރު ފޮލޯ ކުރެއެވެ.

ފަހަތަށް ބަލައިލާ, މިހާ ހިސާބަށް އާދެވުނު ގޮތާމެދު ވިސްނާލާއިރު އޭނާ އެންމެ ފަޚުރުވެރިވާ ކަމަކީ އެ މަސައްކަތުގެ ބޮޑު ހިއްސާއެއް އޭނާގެ އަމިއްލަ ދެއަތުން އަދާކޮށްފައިވާތީއެވެ.

"އަސްލު ބުނަންޏާ މި ހުރިހާ ކަމެއް ވެސް ކުރީ އަމިއްލައަށް. ބޭކް ކުރުމުންފެށިގެން ގޮސް ތަށިތައް ދޮވެ ތަން ސާފުކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް، އެ އެކައުންޓު ހޭންޑަލް ކޮށް ޑީއެމް ތަކަށް ރިޕްލައި ކޮށް އެހުރިހާ ކަމެއް ކުރީ ހަމަ އަމިއްލައަށް،" ހައްވަ ކިޔައިދިނެވެ.

މިހާރު ހައްވައަށް އެހީވާން އޭނާގެ ފިރިމީހާ ހުރެއެވެ. އެގޮތުން ތަށިތައް ދޮވެދީ ކޭކު އެޅުމަށް ބޭނުންވާ ސާމާނު ގަވާއިދުން ގެނެސްދީ އެ ހުރިހާ ކަމެއްވެސް ކުރަނީ އޭނާގެ ފިރިމީހާއެވެ. އެކަމަށްޓަކައި އޭނާގެ ފިރިމީހާއަށް ނިހާޔަތަށް ޝުކުރުވެރިވެއެވެ.

ހައްވަ އަޅައިފައި ހުރި ކޭކުތަކެއް---

މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ހައްވަގެ މެސެޖަކީ, ކިތަންމެ ވަރަށް ފެއިލް ވިޔަސް ހާސިލު ކުރަން ބޭނުންވާ ކަމެއް ދޫކޮށްނުލާށެވެ. ގަދައަޅާ ކުރާ މަސައްކަތުން ދުވަހަކަށްވުރެ ދުވަހެއް ކުރިއެރުން ހޯދޭނެއޭއެވެ.

"ޑޯންޓް ގިވްއަޕް" ހައްވަގެ މެސެޖު ނިންމާލަމުން ބުނެލިއެވެ.

comment ކޮމެންޓް