އަބްދުއްރަހީމް، ޞާލިޙަށް: އަމިއްލަ ލިސްޓަށް ފްލެޓާއި ގޯތި ދިނީ ކުރީ ސަރުކާރުގައި

ރައީސް ޑރ. މުއިއްޒާ އެކު އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ވިދާޅުވީ ފްލެޓު ލިބިފައި ހުރި މީހުންގެ ފުލެޓު ރައީސް އަތުނުލައްވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކުރީ ސަރުކާރުގެ ފުލެޓް ލިސްޓު 'އޮޅާލާނެ' ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) މިރޭ ރައްދު ދެއްވައިފިއެވެ.

ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޞާލިޙްގެ "ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް" އެފަދަ ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. އެގޮތުން އަމިއްލަ ލިސްޓަށް ފުލެޓާއި ގޯތި ދިނީ ކާކުކަން އެނގޭ ކަމަށާއި އެގޮތަށް ފުލެޓާއި ގޯތި ދިނީ ރައީސް މުޢިއްޒު ނޫން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ސަރުކާރުން ރައްޔިތަކަށް ދީފަ އޮތް އެއްޗެއް އަނބުރާ އަތު ނުލައްވާނަމޭ. އެދެއްވި ތަނަކުން ދެއްވި އެއްޗެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާނަމޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދަން އުޅެނީ އަނިޔާވެރިކަން ރާއްޖެއިން ނައްތާލުމަށާއި ވައްކަންކޮށްފައި ތިބި މީހުންގެ ވައްކަންތައް ބަލަން ވެގެން ކަމަށެވެ. އަދި މިސަރުކާރުން އުޅެނީ ގާނޫނީ އިމުގެ ތެރެއިން މިކަންކަމަށް އިންސާފު ހޯދަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް އަނިޔާވެރިއެއް ނުވާނަން އެކަމަކު އަޅުގަނޑުމެން އިންސާފުވެރި ވާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ޞާލިޙް، މީގެ ކުރިން ވެރިޔަކު ގައުމަށް ގައްދާރުވެފައިނުވާ މިންވަރަށް ގައްދާރުވެފައިވާ ކަމަށާއި އެގޮތުން އެ ސަރުކާރުގައި ރިޒާވުގައި ހުރި ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން މެޖޯރިޓީ ބޭނުންކުރީ ދައުލަތުގެ ޚަޒާނާ ހުސްކޮށް ގާނޫނާ ޚިލާފު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރު އެމްޑީޕީން އުޅެނީ އެއީ އެއްވެސް ގޯހެއް ނުހަދާ ވަރަށް ސާފުކޮށް ތިބި ބައެއް ކަން ރައްޔިތުންނަށް ދައްކަން ކަމަށާއި ޖަލްސާތައް ބާއްވައި މިހާރުވެސް ކުރާ ކަމަކީ ރައްޔިތުންނާއި ސަރުކާރާ ޖެއްސުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތަށް އަޑުނާހާ ރައްޔިތުން ބަލަންވީ ހަގީގަތަށް ކަމަށެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ޞާލިޙް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އާ މަޝްރޫއުތައް ފަށަން ޖެހޭނީ މި ވަގުތު ފަށާފައިވާ މަޝްރޫއުތައް ނިންމާލުމަށްފަހު ކަމަށެވެ.

https://sun.mv/190387

ނަމަވެސް މި ސަރުކާރުން ރާވަމުން ދަނީ "ބިއްލޫރި ހޮޅިއެއް"ގެ ތެރެއިން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުން ފުށިދިއްގަރަށް ގެންދިޔުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް