އިއްޔެ ނެޓްފްލިކްސްގައި ޕްރިމިއާ ކުރި "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ ޝޯ"ގެ ފުރަތަމަ އެޕިސޯޑުގެ ބައިވެރިންނަކީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ އާއިލާގެ މެމްބަރުންނެވެ. ނީތޫ ކަޕޫރުގެ އިތުރުން ރަންބީރު ކަޕޫރު އަދި ރިދިމާ ކަޕޫރު ބައިވެރިވި މި ޝޯގައި މި އާއިލާގެ މެމްބަރުންގެ ހަޔާތާ ގުޅޭ ގިނަ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ.
ހެއްވާ މަޖާ އެތައް ހާދިސާތައް ހިއްސާކުރި މި އެޕިސޯޑުގައި ރަންބީރު ކަޕޫރު ބުނެފައި ވަނީ ފުރާވަރަށް އަރަމުން އައިއިރު އޭނާގެ އަތުގައި މާގިނަ ފައިސާއެއް ނުހުންނަ ކަމަށެވެ. ރަންބީރުގެ މައިންބަފައިންނަކީ ކާމިޔާބު ފިލްމީ ތަރިންނަށްވީ ނަމަވެސް ޕޮކެޓް މަނީގެ ގޮތުގައި ވެސް ލިބެނީ ވަރަށް މަދު އަދަދެއް ކަމަށާއި އެހެންވެ އޭރު ލޯބިވެރިންނަށް ހަދިޔާ ގަންނާނެ ފައިސާ އަތުގައި ނުހުންނަ ކަމަށެވެ. އެހެންވެ އޭރު ހަދިޔާގެ ގޮތުގައި މަންމަ ނީތޫގެ ބައެއް ގަހަނާ ތަކާއި ކޮއްކޮ ރިދިމާގެ ހެދުންތައް ލޯބިވެރިންނަށް ދީފައި ހުންނާނެކަމަށެވެ.
ނީތޫ ބުނިގޮތުގައި ކަޕޫރު ޚާންދާނަށް ނިސްބަތްވި ކަމަށްވިޔަސް ދެ ކުދިން ތަރުބިއްޔަތު ކޮށްފައި ވަނީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި ކަމަށެވެ. އެހެންވެ އެއްވެސް އިރެއްގައި ކުދިންނަށް ގިނަ ޢަދަދެއްގެ ފައިސާ ދީ އަގުބޮޑެތި އެއްޗެތި ގަނެދީ ނަހަދާ ކަމަށެވެ. އޭގެ ސަބަބުން ފަހުން ރަންބީރު އާއި ރިދިމާއަށް އަމިއްލަ ފައިމައްޗަށް ތެދުވަން ދަސްވެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފައިސާގެ އަގު ވަޒަންކުރަން ދަސްވިކަމަށް ނީތޫ ވަނީ މި އެޕިސޯޑުގައި ބުނެފައެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެތެރޭ ހިމެނޭ ރަންބީރު ބުނެފައި ވަނީ އޭނާގެ އުއްމީދަކީ ކައިރި މުސްތަޤްބަލެއްގައި ދަރިފުޅު ރަހާ ގޮވައިގެން މި ޝޯއަށް އައުން ކަމަށެވެ.
އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަޕިލް ޝަރުމާގެ މި ޝޯގެ ކުރިޔަށްހުރި އެޕިސޯޑުތަކުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ އާމިރު ޚާން، ޕަރިނީތީ ޗޯޕްރާ އަދި ދިލްޖީތު ދޯސާންޖު ހިމެނެއެވެ.