ސިނަމާލޭ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށަައިފި

ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ސީސީސީސީ އިން މިއަދު ފެށުން-- ފޮޓޯ: މިދުއަމް ސައުދު

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް(ސީސީސީސީ) އިން މިއަދު ފަށައިފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ހުޅުވި މި ބުރިޖު އެޅި ކުންފުންޏާ މަރާމާތުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ 3.6 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ސިނަމާލޭ ބުރިޖު މަރާމަތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި މަޝްރޫޢު އަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

މަޝްރޫއުގެ ދަށުން، ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހަދައި، ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ވެސް ހަދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަ މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު އެއް ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސްގެ ފަންނީ މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގެ ދަށުން ޗައިނާއާ ބުރިޖު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

comment ކޮމެންޓް