މިދިޔަ އަހަރު ޒަވާޖީ ޙަޔާތެއް ފެށި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ބަލިވެއިން ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ޚަބަރުތަކަށް ބަތަލާ އެންމެ ފަހުން ރައްދު ދީފިއެވެ.
ޕަރިނީތީގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީއެއްގައި މި ޚަބަރު ފަތުރަމުން އަންނަ މީޑިއާތަކަށް ޖޯކު ޖެހުމަށްފަހު ޕަރިނީތީ ބުނެފައި ވަނީ، ކަފްތާން ހެދުން، އޯވާ ސައިޒް ޓީ-ޝާޓު، އިންޑިއަން ކުރުތާ ހެދުންލާ ކޮންމެ މީހަކީ މިހާރު ބަނޑު ބޮޑު މީހެއްކަމަށް ބައެއް ފަރާތްތަކުން ނިންމާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލޯބިވެރިޔާ ރާގަވް ޗައްދާއާ ކައިވެނިކުރި ބަތަލާ ބަލިވެއިން ކަމަށް ވާހަކަ ދެކެވެން ފެށީ ގަޔަށް ދޫކޮށް ހުންނަ ހެދުންތައް ލުން އާއްމުވުމާ ގުޅިގެންނެވެ. ކުރިޔަށް އޮތް އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރުމަށް ނިންމާފައިވާ ޕަރިނީތީގެ ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގެ ޓްރެއިލާ ލޯންޗު ކުރި އިވެންޓުގައި ވެސް ބަތަލާ ލައިގެން ހުރީ ކަފްތާން ހެދުމެކެވެ. އޭގެ ފަހުން ދެން ފެނުނީ ގަޔަށް ދޫކޮށް އޮންނަ އޯވަ ސައިޒު ޓީ-ޝާޓެއް ލައިގެން ބަތަލާ ހުއްޓައެވެ.
ޕަރިނީތީ އަކީ ނޫސްވެރިންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ފިލްމީ ތަރިއެކެވެ. އެހެންވެ ބައެއް މީޑިއާ ރިޕޯޓަރުން ފަތުރަމުން އަންނަ ދޮގު ޚަބަރަށް ބަތަލާ ރައްދު ދީފައި މިވަނީ ވެސް ވަރަށް ސަމާސާ ރާގެއްގައެވެ.
މިދިޔަ އަހަރު ފިލްމު "މިޝަން ރަނީގަންޖް"އިން ފެނުނު ބަތަލާގެ ކުރިޔަށް އޮތް ފިލްމު "އަމަރު ސިންގް ޗަމްކީލާ" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ޑްރާމާއެކެވެ. މަޝްހޫރު މިއުޒިކު ކުޅުންތެރިޔާ އޭއާރު ރަހުމާނު މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމަށް ޕަރިނީތީ ވަނީ އަމިއްލަ އަޑުން ލަވަ ކިޔައިދީފައެވެ.