އަދިތީ ކައިވެނި ކުރަނީ

އިންޑިއާގެ ފިލްމީތަރި އަދިތީ ރާއޯ އަދި ލޯބިވެރިޔާ ސިދާތު އެންގޭޖްވެފައިވާކަން އިއުލާނުކޮށްފިއެވެ.

ދެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި މިކަން އިއުލާނުކޮށްފައިވަނީ އަދިތީއާއި ލޯބިވެރިޔާ ސިދާތު ކައިވެނިކޮށްފައިވާކަމަށް ދާދިފަހުން މީޑިއާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ.

އަންނަ މެއި މަހު ރިލީޒްކުރަން ތައްޔާރަށް އޮތް ބަންސާލީގެ ވެބް ސީރީސް "ހީރާމަންޑީ"ގެ މުހިއްމު އެއް ބަތަލާ އަދިތީއާއި ސިދާތް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް ތިން އަހަރުވެފައިވާއިރު މިހާތަނަށް ދެ މީހުން ވެސް އެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ސިދާތާ އެކު މީގެ ކުރިން އަދިތީ ބޭރުތެރެއިން އެއްގޮތަކަށް ވެސް ފެނިފައިނުވާއިރު ދެ މީހުން އެކީގައި އާއްމުންގެ ތެރެއަށް ނުކުންނަން ފެށީ ވެސް ދާދިފަހުންނެވެ.

އިންޑިއާގެ ހައިދަރު އާބާދުގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ބަތަލާ މީގެ ކުރިން ވެސް ވަނީ ކައިވެންޏެއް ކޮށްފައެވެ. ފިލްމު "ނޯ ވަން ކިލްޑް ޖެސިކާ"ގެ އެކްޓަރު ސަތުޔަދީޕް މިޝްރާއާ 2002ވަނަ އަހަރު ކުރި ކައިވެނި 2012 ވަނަ އަހަރު ރޫޅިފައިވާކަން އަދިތީ އިއުލާނު ކުރީ 2013ވަނަ އަހަރުއެވެ. ދެ މީހުން ވަކިވިކަން އިއުލާނު ކުރުމާ ހަމައަށް ވެސް ކައިވެނީގެ ވާހަކަ ވަނީ އާއްމުންނަށް ސިއްރުކޮށްފައެވެ.

އަދިތީ ރާއޯ ލޯބިވެރިޔާ ސިދާތުއާ އެކު-- ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ރަންގް ދެ ބަސަންތީ"އިން އާއްމުންގެ މަގުބޫލުކަން ހޯދި އެކްޓަރު ސިދާތުގެ ވެސް ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ.

ސިދާތާއި އަދިތީ އެކީގައި މިހާތަނަށް އެއް ފިލްމަކުން ފެނިފައިނުވާއިރު ދެ ތަރިންނަކީ ވެސް ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ތަރިންނެވެ. އަދިތީ މިހާތަނަށް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެތެރޭ "ބޫމީ"، "ދިއްލީ 6"، ލަންޑަން ޕެރިސް"، "ފިތޫރު" އަދި "ވަޒީރު" ހިމެނެއެވެ. މީގެ އިތުރުން މަގުބޫލު ފިލްމު "ޕަދްމަވާތު"ގައި އަދިތީ ކުޅުނު ރޯލަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

comment ކޮމެންޓް