ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ ފިލްމު 'ކަލްކީ' ރިލީޒްކުރުން ފަސްކޮށްފި

ފިލްމު 'ކަލްކީ'ގެ އާ ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ތަޖުރިބާކާރު މަޝްހޫރު ގިނަ ފިލްމީ ތަރިންތައް ކާސްޓުގައި ހިމެނޭ ފިލްމު "ކަލްކީ 2898AD" ރިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ.

މީގެކުރިން މި ފިލްމު ރިލީޒްކުރުން ކުރިޔަށް އޮތް މެއި މަހަށް ތާވަލުކުރެވިފައި އޮތްއިރު އިއްޔެ ރިލީޒްކުރި ފިލްމުގެ އާ ޕޯސްޓަރާއެކު ފިލްމު ރިލީޒް ކުރުން ޖޫން މަހަށް ފަސްކުރެވުނުކަން ވަނީ އިއުލާނުކޮށްފައެވެ.

އިންޑިއާގެ ތެލުގޫ ފިލްމުތައް ޑައިރެކްޓްކުރާ ކުޅަދާނަ ޑައިރެކްޓަރު ނާގް އަޝްވިންގެ ސައިންސް ފިކްޝަން ފެންޓަސީ އެޑްވެންޗަގެ ލީޑް ރޯލްއިން ފެންނާނެ ތަރިންގެތެރޭ ތެލުގޭ އެކްޓަރު، ޕްރަބާސް، ކަމަލް ހަސަން، އަމީތާބް ބައްޗަން، ދީޕިކާ ޕަދުކޯން އަދި ދިޝާ ޕަތާނީ ހިމެނެއެވެ.

މި ފިލްމަކީ މީގެ ހަތަރު އަހަރުކުރިން އުފައްދާނެކަން އިއުލާނު ކުރި ފިލްމެކެވެ.

އެހެންނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. އެއަށްފަހު އިންޑިއާގެ ރަމޯޖީ ފިލްމު ސިޓީގައި "ކަލްކީ"ގެ މަސައްކަތް 2021ވަނަ އަހަރު ފެށުނުއިރު ވެސް ފިލްމަށް ކިޔާނެ ވަކި ނަމެއްވެސް ހަމަޖެހިފައެއް ނުވެއެވެ.

ޖުމްލަ 75 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ މިހާތަނަށް އިންޑިއާގައި މިހާ ބޮޑު ބަޖެޓަކުން އުފައްދާ ފުރަތަމަ ފިލްމު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ކަލްކީ"ގެ ޑައިރެކްޓަރު ނާގް އަޝްވިން
ފިލްމު "ކަލްކީ"ގެ ފުރަތަމަ ޓީޒާ ދާދި ފަހުން ރިލީޒްކޮށްފައި ވާއިރު އެ ޓީޒާ ހާއްސަކޮށްފައި ވަނީ ފިލްމުގައި އަމީތާބް ފެންނާނެ ގޮތުގެ މައްޗަށެވެ. އަބަދުވެސް ބެލުންތެރިން ސިއްސުވާލާފަދަ ލުކް އަކުން ފިލްމުތަކުން ފެންނަ މެގަ ސްޓާ މިފަހަރު ވެސް ދައްކައިލީ ވަރަށް ތަފާތު ބެލުންތެރިން އުއްމީދުވެސް ނުކުރާހާ ރޯލަކުންނެވެ. ބަތަލާ ދީޕިކާ ޕަދުކޯންގެ އެކްޝަން ސީންތަކެއް ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް