ސާރާ އާއި އަޔުޝްމާނު ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

ބަތަލާ ސާރާ އަލީ ޚާން އަދި އަޔުޝްމާ ކުރާނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން އާއި އެކްޓަރު އަޔުޝްމަން ކުރާނާ، ދަރުމާ ކުންފުނީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުންޏާއި މަޝްހޫރު ޑައިރެކްޓަރު ގުނީތު މޮންގާގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ ކޮމެޑީ ފިލްމެކެވެ.

އަޔުޝްމާން ކުރާނާއަކީ އަބަދުވެސް ތަފާތު ޖޯންރާތައް ތަޖުރިބާކުރަން ޝައުގުވެރިވާ އެކްޓަރެކެވެ. މީގެކުރިންވެސް ކޮމެޑީ ފިލްމުތަކުން ފެނިފައިވާ އެކްޓަރުގެ މި ފިލްމަކީ ސްޕައި ކޮމެޑީއެކެވެ. އާކާޝް ކޯޝިކް ޑައިރެކްޓްކުރާ މި ފިލްމުގައި ސާރާ އަކީ ފިލްމުގެ ލީޑް ރޯލް ކުޅޭ ބަތަލާއެވެ.

މި ފިލްމުގެ މަސައްކަތް މި އަހަރުތެރޭ ފަށަން ނިންމާފައިވާއިރު ފިލްމާ މެދު ގުނީތު އަދި ކަރަން ކުރާ އުއްމީދު ވަރަށް ބޮޑުކަމަށް ޕިންކްވިލާއިން ބުނެއެވެ.

މިއީ ކޮމެޑީ ފިލްމެއް ނަމަވެސް ހެއްވާ މަޖާ ހާދިސާތަކާ އެކު ފިލްމުގައި އެކްޝަން ބައި އަދި ތުރިލާ ޖޯންރާއަށް ފިލްމު ފެތޭނެކަމަށް ދަރުމާ ކުންފުންޏާ ހަވާލާދީ ޕިންކްވިލާއިން ބުނެއެވެ.

ސާރާ ފިލްމު "އޭ ވަޠަން މޭރޭ ވަޠަން"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ފިލްމާ ގުޅޭ މަޝްވަރާތައް އަޔުޝްމާން އަދި ސާރާއާ އެކު ކުރެވެމުންދާއިރު މިއީ މި ދެ ތަރިން ވެސް ދަރުމާ ކުންފުނީގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރުވެސް މެއެވެ. ސާރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރި ފިލްމު "އޭ ވަޠަން މެރޭ ވަޠަން"އިންނެވެ.

އެ ފިލްމުގައި ސާރާ ކުޅެފައިވާ ރޯލަށް ވަރަށް ގިނަ ބަޔަކުވަނީ ތައުރީފުކޮށްފައެވެ. ސާރާ މި އަހަރުތެރޭ މަސައްކަތް ކުރަމުން އަންނަ ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"، "ސްކައި ފޯސް" އަދި "އީގްލް"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް