ފިލްމީ ދާއިރާއިން ފުރުސަތު ލިބެނީ ޕްރިޔަންކާގެ ކޮއްކޮއަށް ވީތީއެއް ނޫން: ޕަރިނީތީ

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ޕަރިނީތީ ޗޯޕްރާ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ އިތުރުން މިހާރު ހޮލީވުޑްގައި ވެސް ނަން ހިނގާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ އާއިލީ ގޮތުން ގުޅިފައިވީ ނަމަވެސް ފިލްމީ ކެރިއަރު ކުރިއަރުވަން ޕްރިޔަންކާ މެދުވެރިއަކަށް ނުހަދާ ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ.

ޕަރިނީތީ މުހިއްމު ރޯލް ކުޅުނު ފިލްމު "ޗަމްކީލާ"އަށް ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ދިން އިންޓަވިއުއެއްގައި ޕަރިނީތީ ވަނީ ފިލްމީ ކެރިއަރު ފެށުނުގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ. ފިލްމީ ދާއިރާއަށް ނުކުތުމަކީ އެއްވެސް އިރަކު ޕަރިނީތީ ނިންމި ކަމެއް ނޫންކަމަށާއި ބަތަލާ މަތީ ތައުލީމު ހާސިލުކުރީ ވެސް މުޅީން ތަފާތު ދާއިރާއަކުން ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ޕްރިޔަންކާ ޗޯޕްރާ މެދުވެރިކޮށް ފިލްމުތަކުން ފުރުސަތު ލިބޭނަމަ މިއަދު ޕަރިނީތީގެ ކެރިއަރުގައި ހުންނާނީ މުޅިން ވެސް ސުޕަ ހިޓް ފިލްމުތައް ކަމަށާއި ވޭތުވެދިޔަ ދިހަ އަހަރުތެރޭ އެއްވެސް ފިލްމެއް ފްލޮޕް ނުވީސްކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޕަރިނީތީ ޗޯޕްރާ ޕްރިޔަންކާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވަނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ޕްރިޔަންކާގެ ބޮޑު ބޭބެ ޕަވަން ޗޯޕްރާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޕަރިނީތީ ގަބޫލުކުރާ ގޮތުގައި ފިލްމީ ދާއިރާއާ ގުޅުންހުރި ފަރާތެއް މެދުވެރިވެގެން ކެރިއަރު ފަށަން ފުރުސަތު ލިބިދާނެއެވެ. އެކަމަކު އެއީ އެންމެ ފަހަރަކު ލިބޭނެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުންކޮށް ތިމާގެ ކިބައިގައި ހުރި ހުނަރު ބެލުންތެރިންނަށް ދެއްކުން އެއީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް 35 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ތިމާ ދަންނަ މީހުންގެ ކުދިންނަށާއި އާއިލާގެ މެމްބަރުންނަށް ފުރުސަތު ހޯދައިދިނުމަކީ ހަމައެކަނި ފިލްމު އިންޑަސްޓްރީގައި އޮތް އާދައެއް ނޫންކަމަށާއި އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުން އަންނަ ކަމެއް ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. 'ނެޕޮޓިޒަމް' މި ބަހަށް ވުރެ 'ފެވަރިޓިޒަމް' ނުވަތަ ވަކި ބަޔަކަށް ފޭވާ ކުރުމަކީ އަދި މާ ނުރައްކާތެރި ކަމެއް ކަމަށް ޕަރިނީތީ މި އިންޓަވިއުގައި ބުނެފައިވެއެވެ. ފިލްމު "ޗަމްކީލާ"އަށް ފަހު ޕަރިނީތީ އިތުރު އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް