ބަތަލާ އާލިއާ ބަޓް, ޔަޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްއަށް ކުޅެދޭ ފުރަތަމަ ފިލްމުގެ ވިލެންގެ ރޯލަށް ބޮބީ ޑިއޯލް ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރަސްމީކޮށް އިއުލާނުނުކޮށް އޮތް މި ފިލްމަކީ، އާލިއާ ބަޓްގެ އިތުރުން ޒުވާން ބަތަލާ ޝަރުވަރީ ވާގް ލީޑް ރޯލުން އަލަށް ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމަށް ބޮބީ ޑިއޯލް އެއްބަސްވެއްޖެ ނަމަ މިއީ މި ތިން ތަރިން އެކީގައި ސިނަމާއިން ފެންނާނެ ފުރަތަމަ ފިލްމަށް ވާނެއެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމީޔާބީއެއް ހޯދާފައިވާ ފްރެންޗައިސް "ޓައިގާ" "ވޯ" އަދި ދާދިފަހުން މި ލިސްޓަށް އިތުރުވި "ޕަތާން" ފަދަ ފިލްމުތަކަށް ފަހު އާލިއާ ހިމަނައިގެން އުފައްދަން ނިންމާފައިވާ މި ފިލްމަކީ، ވައި އާރް އެފްގެ ސްޕައި ޔުނިވާސްއިން ތައާރަފުކުރާ ފުރަތަމަ އަންހެން ޖާސޫސް ބެލުންތެރިންނަށް ދައްކައިލާނެ ފިލްމެވެ.
މީގެ ކުރިން ސްޕައި ޔުނިވާސްއިން ގެނެސްދިން ފިލްމުތަކުން އަންހެން ޖާސޫސުންގެ ގޮތުގައި ބަތަލާ ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފް ފެނިފައިވާއިރު މި ބަތަލާއިން ފެނިފައިވަނީ ލީޑް ރޯލަކުން ނޫނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވާ ގޮތުގައި ފިލްމު "އެނިމަލް"ގައި ބޮބީ ދެއްކި ކުޅަދާނަ އެކްޓިންއަށް ފަހު ސްޕައި ޔުނިވާސްގެ މި ފިލްމުން އޭނާއަށް ހުށަހަޅާފައިވަނީ އޭގެ ދެގުނަ ބިރުވެރި ރޯލެއް ކަމަށެވެ.
ފިލްމުގައި ބޮބީ ފެންނާ ގޮތުގެ ހާއްސަ ލުކް ވެސް ފަރުމާ ކުރެވިފައިވާއިރު ބޮބީ ކުޅޭ ރޯލާ ބެހޭގޮތުން ސްޕައި ޔުނިވާސްއިން އިތުރު މަޝްވަރާ ބައްދަލުވުންތައް ވަރަށް އަވަހަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ސްޕައި ޔުނިވާސްގެ ކުރިއަށް ހުރި އުފެއްދުންތަކުގެ ތެރޭ "ވޯ2". "ޕަތާން2" އަދި "ޓައިގާ ވާސަސް ޕަތާން" ހިމެނެއެވެ.